ފުވައްމުލަކު އަނބު މޫސުމާއެކު މާލޭގެ ބާޒާރުގައި އަނބު ތިޔާގިވެ އަނބުގެ އަގުު ދަށަށް ހިނގައްޖެ އެވެ.

ފަނިގިރުމަށް އާންމުކޮށް ބޭނުންކުރާ، އަނބު ތަފާތު ހެޔޮ އަގުތަކުގައި ދަތުރުވެރިންގެ މާރުކޭޓުގައި ލިބެން އެބަހުއްޓެވެ.

އަނބު ތިޔާގިވެ ބާޒާރުގައި އަނބުގެ އަގު ވަނީ ދެ ރުފިޔާއަށް، ހަތަރު ރުފިޔާ އަށް ވެއްޓިފަ އެވެ. އަދި އެންމެ އަގުބޮޑުކޮށް ވެސް އަނބެއް ލިބެން ހުރީ 12 ރުފިޔާ އަށެވެ. މިދޭތެރެއިން މާލޭ ބާޒާރުގައި އަނބުގެ އަގުތައް ހުރީ 15ރ. އާއި 20ރ. ދޭތެރޭ އަގުތަކެއްގަ އެވެ.

އަނބު ހެއްދުމުގައި ނަން މަޝްހޫރު ފުވައްމުލަކު ދަނޑުވެރިއެއްކަމައްވާ ހަސަން އިހްސާން މިއަދު ބުނީ، އަނބުގެ އަގު ދަށަށް ދިޔައީ މިއީ އަނބު މުސުން ކަމަށް ވުމުން ބާޒާރުގައި އަނބު ލިބެން ހުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށެވެ.

ބާޒާރުގައި ގިނައިން ލިބެން ހުރީ ފުވައްމުލަކު އަނބެވެ. ދަނޑުވެރިން ބުނީ މިއީ އެރަށަށް އަނބު މޫސުން ކަމަށެވެ. އަދި ފުވައްމުލަކުގެ އިތުރުން ށ. ފީވަކުންނާއި ބައެއް އެހެން ރަށްރަށުންވެސް އަނބު ވިއްކަން ގެނެސް އެބަހުއްޓެވެ.