17 Apr 2014, 13:35
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގައި ނެތުމުން ކޮޕާ ޑެލްރޭ ފައިނަލުގައި ރެއާލް މެޑްރިޑަށް ލިބުނީ ހިތްވަރު ކަމުގައި އެކްލަބުގެ ކޯޗު ކާލޯ އެންޗޮލެޓީ ބުނެފި އެވެ.
ވެލެންސިއާގެ މަސްޓެލާ ސްޓޭޑިއަމްގައި ރޭ ކުޅުނު ކޮޕާ ޑެލްރޭ ފައިނަލް މެޗުން 2-1 ލަނޑުން ބާސާ ބަލިކޮށް ރެއާލް ތަށި އުފުއްލައިލި އިރު، އަނިޔާގައި ހުރުމުގެ ސަބަބުން އެ ޓީމުގެ ޕޯޗުގަލް ތަރި ރޮނާލްޑޯ އަށް މެޗުގައި ބައިވެރިވެވިފައެއް ނުވެ އެވެ.
"ރޮނާލްޑޯ ނެތުމުން ކުޅުންތެރިންނަށް ލިބުނީ ހިތްވަރު. އަހަރެމެންނަށް މި މުބާރާތް ހައްގު،" އެންޗޮލެޓީ ބުންޏެވެ. "މެޗުގައި އަހަރެމެން އެޓޭކްކޮށް ކައުންޓާ އެޓޭކްތަކުން އެޑްވާންޓޭޖް ނެގިން. ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި. ބާސާ ކަހަލަ ޓީމެއް ބަލިކުރަން ރަނގަޅު ކުޅުމެއް ބޭނުންވާނެ. ބާސާ އިން މަސައްކަތްކުރި، ނަމަވެސް ކާމިޔާބު ލިބުނީ އަހަރެމެންގެ ހިތްވަރުން،"
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރި މެޑްރިޑް ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށެވެ. ސްޕެނިޝް ލަލީގާ އަށް ބަލާއިރު، ރެއާލް އޮތީ ތިންވަނައިގަ އެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ރެއާލްއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ. ލަލީގާގެ ތިންވަނައިގައި ބާސާ އޮތްއިރު، އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުން ކަޓައިފަ އެވެ.
"ބާސާގެ ކާމިޔާބުތައް ނިމުނީ ކަމަށް އަހަރެން ގަބޫލެއް ނުކުރަން،" ރެއާލްގެ އިޓަލީ ކޯޗު ބުންޏެވެ. "މި ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ނުވި ނަމަވެސް ފައިނަލު މެޗުގައި ބާސާ އިން ރަނގަޅު ކުޅުމެއް ދެއްކި. ލަލީގާ ނިމެންދެން ބާސާ ފެނިގެންދާނީ ނުރައްކާތެރި ޓީމެއްގެ ގޮތުގަ،"