ކޯސްތަކަށް ފޯމް ހުށަހަޅާ ތަރުތީބުން، އެ ކޯހަކަށް ޝަތުރު ހަމަވާނަމަ ޖާގަ ދޭން ގައުމީ ޔުނިވާސިޓީން ނިންމައިފި އެވެ.

ގައުމީ ޔުނިވާސިޓީން އެގޮތަށް ނިންމީ އެ ޔުނިވާސިޓީއަށް ދަރިވަރުން ވެއްދުމަށް ކަނޑައެޅި އާ ސިޔާސަތުގެ ދަށުން ނެވެ.

ޔުނިވާސިޓީ އަށް ދަރިވަރުން ވެއްދުމުގެ އާ ސިޔާސަތުގެ މައުލޫމާތު މީޑިއާ ދިނުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޔުނިވާސިޓީގެ ރެޖިސްޓްރާ އައިޝަތު އަލީ ވިދާޅުވީ، ކުރިން ޔުނިވާސިޓީ އަށް ކުދިން ހޮވުމުގައި މަތީ ގްރޭޑްތައް ލިބޭ ފަރާތްތަކަށް އިސްކަންދޭ ކަމަށެވެ.

ނަމަވެސް ޔުނިވާސިޓީ އަށް ދަރިވަރުން ވެއްދުމަށް ގެނެވުނު ބަދަލާ ގުޅިގެން ކޯސްތަކަށް ވަނުމަށް ޖާގަ ދެވޭނީ ޝަރުތު ހަމަވާ ފަރާތްތައް ފޯމު ހުށަހަޅާ ތަރުތީބުން، ޝަރުތު ހަމަވާ ފުރަތަމަ ފޯމަށް ފުރަތަމަ ޖާގަ ދެވޭ ގޮތަށް ކަމަށް ޔުނިވާސިޓީގެ ރެޖިސްޓްރާ ވިދާޅުވި އެވެ.

"ކުރިން އަޅުނގަޑުމެން މި ބަލަނީ މެރިޓް އުސޫލުން. ފޯމްތައް ލާ ނިމުނީމަ ޑެޑްލައިން ފަހުން ސިލެކްޝަން ކޮމެޓީއަކަށް ގެންގޮސްގެން ދަރިވަރުން ހޮވާ ގޮތަށް. އެއާ ހިލާފަށް މިހާރު ހަމަ ފޯމް ވަންނަ ވަރަކަށް ކޯހަށް ވައްދަމުން ދާނީ. ޝަރުތު ހަމަވާނަމަ،" އޭނާ ވިދާޅުވި އެވެ.

ކޯހަކަށް ހުޅުވާލެވިފައިވާ އަދަދަށް ކުދިން ރަޖިސްޓްރީކޮށް ނިމުމުން، ރިޒާވް ގައި ކުދިންތަކެއް ބައިތިއްބުމަށްފަހު ކޯހަށް ވެއްދުން ބަންދުކޮށްލެވޭނެ ކަމަށާއި އެގޮތަށް ހަދަނީ ބައެއް ދަރިވަރުން ކޯހަށް ހޮވުމަށްފަހު ވެސް ކޯހުން ވަކިވާތީ ކަމަށް އައިޝަތު ވިދާޅުވި އެވެ.

ކޯހަށް އެދޭ ފަރާތްތަކަށް ޔުނިވާސިޓީންދޭ ޖަވާބު ދިނުމުގައި ވެސް ކުރިއަށް ވުރެ ލުއި ގޮތްތަކެއް ވެސް ޔުނިވާސިޓީން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ޔުނިވާސިޓީން ވަނީ ކޯހަށް އެދޭ ފަރާތްތަކަށް ޔުނިވާސިޓީން ދޭ ޖަވާބު، އީމެއިލްގެ ޒަރިއްޔާއިން ދޭ ގޮތަށް ކަނޑައަޅާފަ އެވެ.

އައިޝަތު ވިދާޅުވީ، އެގޮތަށް ނިންމީ ކޯސްތަކާ މެދު ޔުނިވާސިޓީން ނިންމާ ގޮތް ހޯދުމަށް ގިނަ ދަރިވަރުން ޔުނިވާސިޓީގައި ގިނަ ވަގުތު ހޭދަ ކުރާތީ ކަމަށެވެ.