ވޯލްޑްކަޕް އަދި އޭފްސީ އޭޝިއަން ކަޕުގެ ޕްރިލިމިނަރީ ކޮލިފިކޭޝަން އެއްކޮށްލުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިއްޔެ ފާސްކޮށްފި އެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަމްޕޫރުގައި ހުންނަ އޭއެފްސީގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި، ކޮމިޓީ ބައްދަލުވުމުގައި ގިނަ ޕްރޮޕޯސަލްތަކެއް ފާސްކޮށްފައިވެ އެވެ. އެގޮތުން ކޮލިފިކޭޝަން ބުރު އެއްކޮށްލުމަށް އޭއެފްސީ އިން ފާސްކުރީ އޭއެފްސީ ކޮމްޕެޓިޝަންސް ކޮމިޓީން ހުށަހެޅި ޕްރޮޕޯސަލް ބެލުމަށް ފަހު އެވެ.

ކޮލިފައިންގައި ބައިވެރިވުމަށް އެދޭ ގައުމުތައް ޕްރިލިމިނަރީ އަށް ގްރޫޕަކަށް ބަހައިލެވޭނެ އެވެ. އެ އަށް ގްރޫޕްގެ އެއްވަނަ ޓީމާ ދެވަނައިގައި އޮތް އެންމެ މޮޅު ހަތަރު ޓީމެއް ވޯލްޑްކަޕް ކޮލަފައިންގެ ފައިނަލް ކޮލިފައިން ބުރަށް ހޮވި، އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެ އެވެ.

ޕްރިލިމިނަރީ ކޮލައިފައިން ބުރުގެ އެންމެ މޮޅު 24 ޓީމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެ އެވެ. އެ 24 ޓީމު ހަ ގްރޫޕަކަށް ބަހައިލެވޭނެ އެވެ. ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ފައިނަލް ބުރާއި އޭއެފްސީ ކޮލިފައިންގެ ފަހު ބުރު ވަކިކޮށްލުމަށް ވެސް އޭއެފްސީން ފާސްކޮށްފައިވެ އެވެ.

އޭއެފްސީން ވަނީ 16 އަހަރުން ދަށާއި 19 އަހަރުން ދަށް އަދި 22 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފައިން ކޮންމެ މެޗަކަށް ފަހު ރެސްޓް ކުރުމުގެ ގޮތުން އެއް ދުވަސް ނުވަތަ ދެ ދުވަސް ދިނުމަށް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މި ޕްރޮޕޯސަލް އަށް އަމަލުކުރަން ފެށެނީ 2017 ވަނަ އަހަރުން ފެށިގެންނެވެ.