17 Apr 2014, 11:45
ސައެންސްވެރީން ކުރައްވައިފައި ވާ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި، މަސައްކަތް ކުރުމަށް ޓަކައި ތަކުރާރުކޮށް ގިނަ ވަގުތު އިށީނދެ އިނުމަކީ އިންސާނާގެ ސިއްހަތަށް ގެއްލުން ހުރި ކަމެކެވެ. އެހެންވީމާ، ސިއްހަތަށް ފައިދާ ހުރި ބަދަލެއް ގެނައުމުގެ ގޮތުން، އޮފީސްތަކުގެ މުއައްޒަފުން އެމީހުންގެ ދުވަހުގެ މަސައްކަތް ކޮޅަށް ތިބެގެން ކުރާ ދުވަހެއް އަތުވެދާނެ ހެއްޔެވެ؟
ތަކުރާރުކޮށް ގިނަ އިރު އިށީނދެގެން އިނުމަކީ ހިތުގެ މައްސަލަތަކަށް މަގު ފަހި ކުރުވައި، ހަކުރު ބަލީގެ ނުރައްކާ ވެސް ބޮޑު ކުރުވާ ކަމެއް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ދިރާސާތަކުން ވަނީ ހާމަ ވެފައެވެ. މި މައްސަލައަކީ އިށީނދެ އިނދެ އެތައް ގަޑިއެއްގެ އިރު މަސައްކަތް ކޮށްފައި، އޮފީހުން ނިކުމެގެން ގޮސް ޖިމަށް ވަދެ، ކަސްރަތު ކޮށްލައިގެން ހައްލު ކުރެވޭނެ މައްސަލައެއް ނޫނެވެ.
މި ޒަމާނަކީ "ސޯފާ އަލުވި" ދިރިއުޅުމުގެ ސަގާފަތެއް އާއްމު ވެފައި ވާ ޒަމާނެކެވެ. ގޭގައި އެންމެން ވެސް މި ތިބެނީ އަރާމު ސޯފާތަކުގައި އިށީނދެ، ޗިޕްސް ފަދަ ލުއި ކާނާގެ ބާވަތްތައް ހަފާލަހަފާލައެވެ. އޭގެ ބޭރުން ގިނަ ވަގުތު ހޭދަ ކުރެވެނީ އޮފީހުގައި، އެ މީހެއްގެ މަގާމާ އެއްވަރު ސައިޒެއްގެ ގޮނޑިއެއްގައެވެ.
ކަން މިހެން އޮތަސް، އާދައިގެ އޮފީހެއްގައި މުއައްޒަފުން އިށީނދެ ތިބެގެން މަސައްކަތް ކުރާ ކުރުން ބަދަލު ކޮށްލުމަކީ ފަސޭހަ ކަމަކަށެއް ނުވާނެއެވެ. އެކަން ކުރާ ނަމަ، އޮފީހުގެ ބިނާފަރުމާ ބަދަލު ކޮށް، މުޅީން އައު ގޮތަކަށް ތަނުގެ އެތެރެ ތަރުތީބު ކުރާން ޖެހޭނެއެވެ. އެތައް ބައިވަރު ޚަރަދެއް އެކަމަށް ޓަކައި ކުރާން ޖެހޭނެއެވެ. މިސާލަކަށް، ކޮޅަށް ތިބެގެން މަސައްކަތް ކުރާން ފަހި މޭޒުތަކެއް އޮފީހަކަށް ގެންނަ ނަމަ، އެކަމަށް ޓަކައި އެތައް ހާސް ރުފިޔާއެއްގެ ޚަރަދު ހިނގާނެއެވެ. މީގެ އިތުރުން، މި ބުނާ ފަދަ ބަދަލެއް ގެނައުމަށް ޓަކައި އޮފީހުގެ މަސައްކަތުގެ ވަގުތަށް ވެސް ބަދަލު ގެންނާން ޖެހޭނެއެވެ.
މިހާރު އޮފީސްތަކުގައި މުއައްޒަފުންގެ މަސައްކަތު މޭޒުތައް އަތުރައިލެވިފައި ހުންނަނީ ގޮޅިއަކާ ޖެހި ގޮޅިއެއް ހުންނަ ގޮތަށް، ކުދިކުދި ތަންތަންކޮޅުގެ ގޮތުގައެވެ. އެހެން ހެދުމުން ކޮންމެ މުއައްޒަފަކަށް ތަޅުމުން ދޭން ޖެހޭ ޖާގަ ކުޑަ ވެއެވެ. މިއީ މުއައްޒަފުން މާކަ ގަޔާ ވާ ތަރުތީބަކަށް ނުވި ނަމަވެސް، މިއީ ވަޒީފާ ދޭ ކުންފުނިތައް ފަދަ ތަންތަނަށް ވަރަށް ކަމުދާ ގޮތެކެވެ. އެއީ ކުލީގެ ޚަރަދު ކުޑަ ވާތީއެވެ.
އިށީނދެގެން ތިބި މަސައްކަތް ކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނާން ޖެހޭ ކަމަށް ބުނެ ވަކާލާތު ކުރާ މީހުން ބުނާ ގޮތުގައި، ކޮޅަށް ހުރެ މަސައްކަތް ކުރުމުން މުއައްޒަފުގެ ސިއްހަތަށް ގެއްލުން ކުޑަ ވުމުގެ އިތުރުން، އޭނާގެ މަސައްކަތު ހަކަތަ އިތުރު ވެ، އޭނާގެ އުފެއްދުންތެރިކަން ވެސް އިތުރު ވެއެވެ. އެހެންކަމުން، މިހާރު ބައެއް ބޮޑެތި މުނައްޒަމާތަކާއި ކުންފުނިތަކުން ގެންދަނީ މި ބަދަލާ މެދު ސީރިއަސްކޮށް ވިސްނަމުންނެވެ.
ޖިއޯރޖިއާނާ ހާރސްޓަކީ އިނގިރޭސި ވިލާތުގެ ހެމްޕްޝަޔަރގެ ފްލީޓުގައި ހުންނަ ކޮމްޕިއުޓަރ ސޮފްޓްވެއަރގެ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވާ "ވީއެމް ޓާރބޯ" ގެ ސޭލްސް މެނޭޖަރެވެ. އޭނާ ވިދާޅުވި ގޮތުގައި، މުއައްޒަފުން ކޮޅަށް ތިބެގެން މަސައްކަތް ކުރުމުގެ ފިކުރު އެ ކުންފުނީން ވަނީ ބަލައިގެންފައެވެ. "އަހަރެމެންގެ އޮފީސް ގާތްގަނޑަކަށް އަށެއް ނުވަތަ ނުވަ މަސް ދުވަސް ކުރީން ބަދަލު ކޮށްލައިފިން. ކުރީން ހުރި އާދައިގެ މޭޒުތައް ބަދަލު ކޮށް، އުސް ބާރަ މޭޒު ގެނައީ. ކޮންމެ މޭޒެއްގެ އަގަކީ 350 ޕައުންޑް. އެ މޭޒުތައް މުއައްޒަފުންގެ މެއާ ހަމަޔަށް ހުންނާނީ." ޖިއޯރޖިއާނާ ވިދާޅުވިއެވެ.
މުއައްޒަފުން ކޮޅަށް ތިބެ މަސައްކަތް ކުރިޔަސް، ވީއެމް ޓާރބޯގެ މޭޒުތަކުގެ ކައިރީގައި އުސް ގޮނޑިތަކެއް ވެސް ހުރެއެވެ. އެއީ މަސައްކަތުގައި ހުންނަ މުއައްޒަފު ވަރުބަލި ވެގެން، އިރުކޮޅަކަށް އިށީނދެލާން ބޭނުން ވެއްޖެ ހިނދެއްގައި، ބޭނުން ކުރުމަށެވެ. އައު ބަދަލު މުއައްޒަފުން ވެސް ބަލައިގެންފައި ވާ ކަމަށް ޖިއޯރޖިއާނާ ވިދާޅުވިއެވެ. "އެއްވެސް މުއައްޒަފަކު ނުބުނޭ، ކުރީގެ ގޮތް މާ ރަނގަޅޭ، އެގޮތަށް ބަދަލު ވާން ހިނގާށެކޭ."
http://www.sun.mv/albums/l_24088.jpg
އެމެރިކާގެ ޖެނެރަލް އިކެލްޓްރިކްގެ އިނގިރޭސި ވިލާތުގައި ހުންނަ ކާރުޚާނާގެ ވެރީން ވެސް ގެންދަވަނީ ކޮޅަށް ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތު މުއައްޒަފުންނަށް ދިނުމާ މެދު ވިސްނަމުންނެވެ. ލެސްޓަރޝަޔަރގެ ގްރޮބީގައި ހުންނަ ކާރުޚާނާގެ މުއައްޒަފުންނަށް އެކަމުގައި އިޚްތިޔާރު ދޭން ކާރުޚާނާއިން ވަނީ ނިންމައިފައެވެ. "ޖިސްމާނީ ގޮތުން އާދަ ވެގެން މީހާ ކުރާ ކަންކަމާއި މަސައްކަތްތައް ފިޔަވައި އެހެން ކަމެއް ނުކޮށް ދިގު މުއްދަތެއް ވާންދެން އުޅުމަކީ ސިއްހަތަށް ނުހަނު ގެއްލުން ހުރި ކަމެއް ކަން މިހާރު ވަނީ ވަރަށް ބޮޑަށް އެނގިފައި." ކާރުޚާނާގެ އިންޖިނިއަރު ޖޮނަތަން މެކްގްރެގަރ ވިދާޅުވިއެވެ. "އެހެންވީމާ އަހަރެމެން ވެސް މި ގެންދަނީ މުއައްޒަފުންނަށް ކޮޅަށް ތިބެގެން މަސައްކަތް ކުރެވޭ ފަދަ މޭޒުތަކެއް ގެނައުމާ މެދު ވިސްނަމުން."
ޖެނެރަލް އިލެކްޓްރިކްގެ ކާރުޚާނާގައި ކޮޅަށް ތިބެ މަސައްކަތް ކުރުން ތައާރަފު ކުރުމުގެ ކުރީން، އެކަމަށް ހިނގާނެ ޚަރަދާއި، މުއައްޒަފުންގެ ސިއްހީ ރެކޯޑުތައް މިހާރު ހުރި ގޮތާއި، ހުސް ވަގުތު ނަގާ މިންވަރު އިތުރަށް ބަލައި ދިރާސާ ކުރުމަށް ތަނުގެ އިދާރާއިން ވަނީ ނިންމައިފައެވެ.
ކޮޅަށް ތިބެގެން މަސައްކަތް ކުރެވޭ މޭޒުގެ އަގު ކަނޑައެޅެނީ މޭޒުގެ ފަރުމާއަށް ވަރަށް ބޮޑަށް ބެލިގެންނެވެ. ނަމަވެސް އެފަދަ މޭޒުގެ އަގު، އާދައިގެ މޭޒުތަކަށް ވުރެ މާ ބޮޑުތަން ވެސް ބޮޑެވެ. އިނގިރޭސި ވިލާތުގެ ވަޑާން ކުންފުންޏެއް ކަމަށް ވާ އެލީޓް އޮފީސް ފަރނިޗަރއިން މިހާރު ކޮޅަށާއި އިށީނދެގެން ތިބެ ވެސް މަސައްކަތް ކުރެވޭ ޒާތުގެ މޭޒެއް ވިއްކަނީ، 50 މޭޒަށް ވުރެ ގިނައިން ނަގާ ނަމަ، މޭޒެއް 500 ޕައުންޑަށެވެ. އެލީޓް އޮފީސް ފަރނިޗަރގެ ޚިދުމަތް ހޯދާ އެންމެ ބޮޑު އެއް ކުންފުންޏަކީ މަޝްހޫރު ގޫގްލްއެވެ. ގޫގްލްގެ ލަންޑަން އޮފީހަށް މީގެ އެތައް މޭޒެއް ވަނީ ގަނެފައެވެ. ނަމަވެސް ގަތް އަދަދު ދެ ފަރާތުން ކުރެ ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.
އިނގިރޭސި ވިލާތުގެ ފަރުނީޗަރު އުފައްދާ އެހެން ކުންފުންޏެއް ކަމަށް ވާ ނެޝަނަލް އޮފީސް ފަރނިޗަރ ސަޕްލައިޒްގެ ފަރާތުން ކޮޅަށް ތިބެ މަސައްކަތް ކުރެވޭ މޭޒު އުފައްދައި ސަޕްލައި ކުރުމުގެ އިތުރުން، އާދައިގެ މޭޒުގެ ސެޓަޕް ނަގައިދިނުމުގެ ޚިދުމަތް ވެސް ފޯރު ކޮށްދެއެވެ. އެ ޚިދުމަތަށް، ކޮންމެ ސެޓަޕަކަށް 15 ޕައުންޑާއި 50 ޕައުންޑާ ދެމެދުގެ އަގެއް ނަގައެވެ. ކޮޅަށް ތިބެ މަސައްކަތް ކުރެވޭ މޭޒު އެންމެ ހެޔޮ އަގުގައި އުފައްދާ އެއް ކުންފުންޏަކީ ބެކް ކެއަރ ސޮލިއުޝަންސްއެވެ. އެ ކުންފުނީގެ މޭޒެއްގެ އަގު އުޅެނީ 399 ޕައުންޑުގައެވެ. ނަމަވެސް މިއީ ވެސް އާދައިގެ މޭޒަކާ އަޅާ ބަލާ އިރު، ވަރަށް ބޮޑު އަގެކެވެ. އިނގިރޭސި ވިލާތުގެ ބާޒާރުގައި އާދައިގެ މަސައްކަތު މޭޒެއްގެ އަގަކީ ގާތްގަނޑަކަށް 172 ޕައުންޑެވެ.
މި އަގުތަކަށް ބަލައިލުމުން ވެސް، ބަދަލު ގެނައުމަކީ ކިހައި ޚަރަދު ބޮޑު ކަމެއް ކަން ވަޒަން ކޮށްލެވޭނެއެވެ. ހަމައެއާއެކު، ކޮޅަށް ތިބެ މަސައްކަތް ކުރާން މުއައްޒަފުންނަށް މަޖުބޫރު ކުރުމަކީ ވެސް ރަނގަޅު ގޮތަކަށް ނުވެއެވެ. އޭގެ ސަބަބުން މުއައްޒަފުންގެ މަސައްކަތް ކުރުމުގެ ޖޯޝާއި ފޯރި ގެއްލިގެން ހިނގައިދާނެއެވެ.
އިޤްތިޞާދީ މާހިރެއް ކަމަށް ވާ އެލަން ހެޖް ވިދާޅުވާ ގޮތުގައި، ކޮޅަށް ތިބެ މަސައްކަތް ކުރާން މުއައްޒަފުން ރުއްސުމަކީ މާކަ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ބައެއް މީހުން ބޭނުން ވާނީ އިށީނދެގެން ތިބެ މަސައްކަތް ކުރާން ކަމަށާއި، ކޮޅަށް ތިބެ މަސައްކަތް ކުރުމުގެ ވާހަކައަކީ އެމީހުން މާކަ ގަޔާ ވާ ވާހަކައަކަށް ނުވެދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. ނަމަވެސް ގިނަ ވަގުތު އިށީނދެގެން ތިބުމުގެ ބަދަލުގައި، ތެދު ވެގެން ހިނގައިބިނގައި ވެ، ހަރަކާތް ތެރި ވުމަށް މުއައްޒަފުންނަށް ހިތްވަރު ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެއެވެ. "އިށީނދެގެން ގިނަ އިރު މަސައްކަތް ކުރުމަކީ އިށީނދެގެން ތިބެ ދުއްވާ އެއްޗެއް ދުއްވުން ފަދަ ކަމެއްގެ ގޮތުގައި ވިސްނާން ޖެހޭ." އެލަން ވިދާޅުވިއެވެ. "އިރުއިރުކޮޅުން ހުސް ވަގުތުކޮޅެއް ހޯދައި، ތެދު ވެލާން ވާނެ. މިސާލަކަށް، މޭޒުދޮށަށް ސައި ގެނައުމުގެ ބަދަލުގައި، ސައިގެ ވަގުތުގައި ވެސް ތެދު ވެލައިގެން، ސައި ބޯ ތަނަށް ދާން ވީ. މި ކަހަލަ ކުދިކުދި ބަދަލުތަކަކުން ވެސް، މައްސަލައަށް ޙައްލެއް ގެނެވިދާނެ."
މަސައްކަތު މާޙައުލުގައި ތިބޭ އިރު، ނުވަތަ މަސައްކަތް ކުރާ އިރު، އިށީނދެގެން ތިބުމުގެ އާދައަކީ ވެސް މާކަ ޒަމާން ވީ އާދައެއް ނޫނެވެ. ލަންޑަނުގެ ރޯޔަލް ކޮލެޖް އޮފް އާރޓްގެ ޕްރޮފެސަރ ޖެރެމީ މިޔަރސަން ވިދާޅުވި ގޮތުގައި އެއީ ދުނިޔޭގެ ތާރީޚަށް ބަލާ ނަމަ، ދާދި ފަހުން ތައާރަފު ވި ކަމެކެވެ. "1800 އިގެ އަހަރުތަކަށް ބަލައިލާ ނަމަ، ވިކްޓޯރިއަން ޒަމާނުގެ ކާތިބުން ވެސް މަސައްކަތް ކޮށް އުޅުނީ ކޮޅަށް ތިބެގެން. މިހާރުގެ މުއައްޒަފުންނަށް ވުރެ ބޮޑަށް، އެއިރުގެ މުއައްޒަފުން އެކި ކޮޅުކޮޅަށް ހެލިފެލި ވޭ." މިޔަރސަން ވިދާޅުވިއެވެ.
http://www.sun.mv/albums/l_24093.jpg
މިޔަރސަން ވިދާޅުވި ގޮތުގައި، ވެއަތު ވެދިޔަ 1000 ވަރަކަށް އަހަރުގެ ތާރީޚަށް ބަލާ ނަމަ، މިދިޔަ ގަރުނެއްހައި ދުވަހު، މަސައްކަތްތެރީން ނުވަތަ މުއައްޒަފުން އިށީނދެތިބެގެން މަސައްކަތް ކުރި ކުރުމަކީ އައި ވަރަށް ބޮޑު ބަދަލެކެވެ. ކުރީން އޮތް އާދައަށް އައި "ޒާތެއްގެ ފަސާދައެކެވެ". 1900 އިގެ އަހަރުތަކުގެ ކުރީކޮޅު މި ބަދަލު އައީ "ޓޭލަރިޒަމް" ގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. "ޓޭލަރިޒަމް" އަކީ ފްރެޑް ޑަބްލިއު. ޓޭލަރ ހުށަހެޅުއްވި ނަޒަރިއްޔާތަކަކަށް ކިޔޭ ނަމެކެވެ. އެ ނަޒަރިއްޔާތަކުގައި ބަހުސް ކުރެވިފައި ވަނީ އެއިރު ދުނިޔޭގައި އާއްމު ވަމުން އައި ކާރުޚާނާތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރީންގެ އުފެއްދުންތެރިކަން އެންމެ މަތި ކުރެވޭނެ ގޮތްތަކަކާ މެދުގައެވެ. "ޓޭލަރިޒަމް" ބުނާ ގޮތުގައި، އިށީނދެގެން ތިބެ މަސައްކަތް ކުރާ މީހުންގެ މަސައްކަތް ސުޕަވައިޒް ކޮށް ބަލަހައްޓާން ފަސޭހައެވެ. އަދި މަސައްކަތްތެރީން ކޮންޓްރޯލް ކުރުން ވެސް، އެމީހުން އިށީނދެގެން ތިބޭ ނަމަ ފަސޭހަ ވެއެވެ.
މިޔަރސަން ވިދާޅުވާ ގޮތުގައި، ކޮޅަށް ތިބެގެން މަސައްކަތް ކުރެވޭ ޒާތުގެ މޭޒު ހޯދުމުގެ ކަންކަން އެމެރިކާ އާއި އިނގިރޭސި ވިލާތުގައި އުނދަގޫ ވާ އެހެން ސަބަބުތަކެއް ވެސް ހުރެއެވެ. "މިސާލަކަށް، އިނގިރޭސި އަދި އެމެރިކާގެ ވަޒީފާ ދޭ ފަރާތްތަކުން މަސައްކަތު މާހައުލު ފަރުމާ ކުރުމާ މެދު ދެކެނީ އެއީ ހަމައެކަނި ޚަރަދެއްގެ ގޮތުގައި. އެއީ ކުރެވޭ އިންވެސްޓްމަންޓެއް ކަމަކަށް ނުދެކޭ. ޑެންމާރކުގައި މިހާރު އެވަނީ މުއައްޒަފުންނަށް އިށީނދެ ތިބެގެންނާއި ކޮޅަށް ތިބެގެން ވެސް މަސައްކަތް ކުރެވޭ ފަދަ ޑެސްކުތަކެއް ފޯރު ކޮށްދޭން މަޖުބޫރު ކޮށްފައި." އޭނާ ވިދާޅުވިއެވެ.
މިޔަރސަން ވެސް ވިދާޅުވަނީ އިށީނދެ ތިބެގެންނާއި ކޮޅަށް ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ހުންނަ މޭޒު އެއީ ރަނގަޅު ޚިޔާލަކަށް ވިޔަސް، މުއައްޒަފުގެ "އަރާމު ގޮނޑި" ދޫކޮށްލާން މަޖުބޫރު ކުރުވުމަކީ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށެވެ. "ވަރަށް ގިނަ ބަޔަކަށް އެމީހުންގެ މަސައްކަތު މޭޒާއި ގޮނޑިއަކީ ވަޒީފާގެ ރައްކައުތެރިކަމާއި މީހާގެ މަގާމާއި ހައިސިއްޔަތުގެ ރަމްޒެއް. އެއަށް ބަދަލެއް ގެންނާކަށް މީހުން ބޭނުން ނުވެދާނެ." އޭނާ ވިދާޅުވިއެވެ.
މަސައްކަތް ކުރުމަށް ޓަކައި އިށީނދެގެން ތިބުމުގެ ސަގާފަތް ނިމުމަކަށް އަންނާނެ ކަމަށް ބެލެވެނީ، އޭގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުންތަކާ މެދު އިތުރު ހެކިތައް ލިބި، ހޭލުންތެރިކަން އިތުރު ވެގެންނެވެ. ހަމައެހެންމެ، މުއައްޒަފުން އިށީނދެގެން ތިބެ މަސައްކަތް ކުރުމުން ލިބޭ ސިއްހީ ގެއްލުންތަކަށް، ވަޒީފާ ދޭ ފަރާތުން ގާނޫނީ ގޮތުން ޒިންމާ ނަގާން ޖެހޭ ގޮތަށް ގާނޫނުތައް ތަޠުބީޤު ކުރެވޭން ފެށިގެންނެވެ.
(އަސްލު ލިޔުން ބީބީސީ)