ހާލުގައި ޖެހޭ ރައްޔިތުންނަށް އެހީވުމުގެ މަސައްކަތުގައި އުފައްދާފައިވާ ޑިޒާސްޓާ މެނޭޖްމަންޓް ސެކްޝަނުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއްގައި އެ ސެންޓަރުގެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ އެތައް މިލިއަން ރުފިޔާގެ މައްސަލައެއް މިހާރު ވެސް ފެންމަތިވެފަ އެވެ. މިހާތަނަށް ފަޅާ އަރާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 85 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އޭސީސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިފަހަރު ދައުވާ ކުރަން ފޮނުވީ ށ. ފޯކައިދޫ، ޝަރުމީނާ މަންޒިލް، އަހުމަދު ޒަކީގެ މައްޗަށް ކަމަށާއި އޭނާގެ މައްޗަށް ދައުވާ ކުރަނީ 160 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގަތުމަށް އިއުލާން ނުކޮށް ބަޔަކާ ހަވާލުކޮށްފައިވާތީ ކަމަށެވެ.

ކޮމިޝަނުން ބުނެފައި ވަނީ ނޮވެމްބަރު 10، 2009 ގައި ޖަނަރޭޓަރާއެކު އިތުރު ބައެއް ސާމާނު ގަތުމަށް ސެންޓަރުން އިއުލާން ކުރުމަށްފަހު ތަކެތި ސަޕްލައި ކޮށްދިނުމަށް ބަޔަކާ ހަވާލުކޮށް އިއުލާނުގައި ނެތް އެއްޗެއް ކަމަށްވާ ޖަނަރޭޓަރު ސަޕްލައި ކޮށްދިނުމަށް ވެސް އެގްރިމެންޓް ކޮށްފައިވާ ކަމަށެވެ.

އެ އެގްރިމެންޓުގައި ސޮއި ކޮށްފައި ވަނީ ޒަކީ ކަމަށާއި ސޮއި ކުރުމުގެ ކުރިން ޖަނަރޭޓަރެއް ހޯދުމަށް ކޮށްފައިވާ އިއުލާނެއް ފެނުނު ކަމަށް އޭނާ ބުނާ ކަމަށާއި ނަމަވެސް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ފައިލުތަކުން އެ ބުނާ އިއުލާނެއް ކޮމިޝަނަށް ފެނިފައިނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އޭސީސީން ބުނެފައި ވަނީ އިއުލާނާ ގުޅިގެން ތަކެތި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ހަވާލުކޮށްފައި ވަނީ މާ ލަހުން ކަމަށާއި އެ ތަކެތި ބަލައިގަތީ ޖޫރިމަނާގެ ފައިސާ ނުނަގައި ކަމުން އެ ގޮތަށް ޖޫރިމަނާ ނުނަގާ މުވައްޒަފުންގެ މުސާރައިން ޖޫރިމަނާ ފައިސާ ކެނޑުމަށް ފަހު ސެންޓަރުގެ ބަޖެޓަށް ޖަމާ ކުރުމަށެވެ.