ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ކަންތައްތަކުގައި ގާނޫނާއި ގަވާއިދާ ހިލާފްވާ ސިވިލް ސާވިސް މުވައްޒިފުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.


ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ، ސިވިލް ސާވިސްގެ މުވައްޒިފުންނާއި ލޯކަލް ކައުންސިލްގެ އިންތިހާބުގެ ދާއިރާތަކުގެ ޒިންމާދާރު ވެރިންނާއި މަސްއޫލު އޮފީސްތަކުގެ ޒިންމާދާރު އިސް ވެރިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހަރަކާތްތެރިވާން ޖެހޭނީ ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތަވައިގެން ކަމަށެވެ.


އަދި އެކަމަށް ގޮވާލައި ސިވިލް ސާވިސް ކޮމިޝަނުން މިއަދު ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ އެންމެހައި ކަންތައްތަކުގައި، ދިވެހި ސިވިލް ސާވިސްގެ މުވައްޒިފުންނާއި ލޯކަލް ކައުންސިލްގެ އިންތިހާބުގެ ދާއިރާތަކުގެ ޒިންމާދާރު ވެރިންނާއި މަސްއޫލު އޮފީސްތަކުގެ ޒިންމާދާރު އިސް ވެރިން ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތަވައި ނަމޫނާ ބައެއްގެ ގޮތުގައި ތިއްބަވައިގެން ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ދިވެހި ސިވިލްސާވިސްގެ މުވައްޒަފެއް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ކަމެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއްކޮށްފި ނަމަ އެފަދަ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުން އެކަމަށްޓަކައި އުފައްދާފައި ހުންނަ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅަމުން ގެންދިއުމަށް ވެސް އެ ބަޔާނުގައި އެދިފައިވެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން، ނުވަތަ ކަމާ ބެހޭ ކޮމިޓީން މައްސަލަ ބެލުމަށް ފަހު،  ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާ ގޮތަށް ސިވިލް ސާވިސް މުވައްޒިފަކާ މެދު ފިޔަވަޅު އެޅުމަށް އެ ކޮމިޝަނަށްދޭ ލަފައަކާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.