17 Apr 2014, 11:08
ލ. މާވަށު ހުޅަނގުފަރާތު ފަޅުތެރޭ ދެ ކޯމަސް ތާށިވެއްޖެ އެވެ.
މާވަށު ކައުންސިލް އިދާރާ އިން ބުނީ އެ ރަށު ފަޅުތެރެއަށް އެއްވެސް އިރެއްގައި ކޯމަސް ވަދެ ނޫޅޭ ކަމަށެވެ.
ނަމަވެސް ރޭގައި ހަނދުވަރުދީފައި އޮތް އިރު ދިޔަވަރު ބޮޑު ވަގުތު އެ ކޯމަސްތައް ފަޅަށް ވަނީ ކަމަށް ބެލެވޭ ކަމަށެވެ. އަދި ހެނދުނު ދިޔަވަރު ހިކުނީމާ އެ އެއްޗިއްސަށް ބޭރަށް ނުކުމެވޭ ގޮތް ނުވީ ކަމަށް ކައުންސިލް އިދާރާ އިން ބުނެ އެވެ.
ފުލުހުން ބުނީ މާވަށު ފަޅުތެރޭ ދެ ކޯމަސް ތާށިވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:30 އެހާކަންހާއިރުވ ކަމަށެވެ. އަދި ގާތްގަނޑަކަށް ހަ ފޫޓާއި ހަތް ފޫޓު ހުންނަ ވަރުގެ ކޯމަސްތަކަކީ ނަގައިގަނެގެން ގެންދެވޭ ވަރަށް ވުރެ ބޮޑެތި އެއްޗިއްސަށް ވާތީ ދިޔަވަރު ބޮޑުވަންދެން އެތަކެތި ބައިތިއްބަން ނިންމާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދިޔަވަރު ބޮޑުވާނެ ކަމަށް ބެލެވެނީ މިއަދުގެ 11:30 އެހާކަންހާއިރު ކަމަށާއި ދިޔަވަރު ބޮޑުވަންދެން ފުލުހުން އެ ސަރަހައްދު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.