17 Apr 2014, 11:01
ދ. މީދޫގައި ކުރިއަށް ގެންދިޔަ, 22.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލައިފި އެވެ.
އާބާދީގައި 1300 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ 12 ހެކްޓަރުގެ މީދޫ އަށް އިތުރަށް 22.5 ހެކްޓަރުގެ ބިން ހިއްކުމަށް މި އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހު ސަރުކާރުން ފެށި މަޝްރޫއު ކުރިއަށް ގެންދިޔައީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.
މީދޫ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ، ބިންހިއްކުމުގެ މަސައްކަތް އިއްޔެ ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ ބިން އެއް ވަރު ކުރުން ކަމަށެވެ.
"22.5 ހެކްޓަރުގެ ބިން ހިއްކުން އިއްޔެ ވަނީ ނިމިފައި،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެބިމުން ގޯތި ދޫކުރެވޭނީ އަދި ގާތްގަނޑަކަށް ފަސް މަސް ދުވަސް ފަހުން ކަމަށެވެ.
އަސްލަމް ވިދާޅުވީ، މީދޫގެ ބިން ފުރި، އެރަށުން ގޯތި ދޫނުކުރާތާ މިހާރު 23 އަހަރު ވެފައިވާ ކަމަށެވެ.
"ބިން ނެތުމަކީ ވަރަށް ބޮޑު ދައްޗެއް ތަރައްގީ އަށް، މިރަށަކީ ގިނަ ލާރި ލިބޭ ބަޔަކު ދިރިއުޅޭ ރަށެއް ނަމަވެސް ބިމުގެ ދަތިކަމުން ޒުވާނުންނަށް ބިމެއް ދުލެއް ނުކުރެވޭ." އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލަށް ހިއްކި ބިމުން 250 ފަރާތަކަށް ގެ އިމާރާތް ކުރުމަށް ޓަކައި ގޯތި ދޫކުރެވޭނެ ކަމަށެވެ.