17 Apr 2014, 10:49
ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުން 2-1 ލަނޑުން މޮޅުވެ ރެއާލް މެޑްރިޑް ސްޕެނިޝް ކޮޕާ ޑެލްރޭ ތަށި އުފުއްލާލައިފި އެވެ.
މެޗު ނިމެން ދަނިކޮށް ރެއާލް އަށް ލީޑު ނަގައިދިން ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލް ވަނީ އެކްލަބަށް ކެރިޔަރުގެ އެންމެ މުހިންމު ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބޭލް ޖަހައިދިން ލަނޑާއެކު ސީޒަނުގެ ފުރަތަމަ ތަށި ރެއާލް އަށް ކާމިޔާބުވެ، ކާލޯ އަންޗޮލެޓީގެ ކޯޗު ކަމުގައި އެޓީމަށް ލިބުނު ފުރަތަމަ ތަށި ލިބިގެންދިޔަ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ވެސް ރެއާލް އެވެ. މި ލަނޑު މެޗުގެ އެގާރަ ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާ މިޑްފީލްޑަރު އެންޖެލް ޑި މަރީއާ އެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔަ އިރު، 68 ވަނަ މިނެޓްގައި ބާސާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު މާކް ބާޓްރާ އެވެ.
މެޗުގައި ރެއާލް އަށް ތަށި ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިން ބޭލްގެ ފަރާތުން ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެޓީމުގެ ސްޕެއިން މިޑްފީލްޑަރު އިސްކޯގެ ކުޅުން ވެސް ފާހަގަކޮށްލެވެ އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ހޯދި މި ކާމިޔާބާއެކު އެ ޓީމަށް ވަނީ ކޮޕާ ޑެލްރޭގެ 19 ވަނަ ކޮޕާ ޑެލްރޭ ތަށި ކާމިޔާބުކުރެވިފަ އެވެ.
މެޗަށްފަހު ވާހަކަދައްކަމުން އަނިޔާގައި ހުރި ރެއާލްގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ރޮނާލްޑޯ ބުނީ، މެޗުން މޮޅުވެ، އެ ޓީމަށް ތަށި ހައްގުކަމުގަ އެވެ.
"އަހަރެމެންނަށް މި މޮޅު ހައްގު. އަހަރެމެން ގިނަ ފުރުސަތުތަކެއް ހޯދައި، ގިނަ ހަމަލާތަކެއް އުފެއްދިން. އަދި ކާމިޔާބުކުރަން ޖެހޭ ދެ މުބާރާތް އެބައޮތް. އެހެންކަމުން އަހަރެމެން ދެން މަސައްކަތްކުރާނީ އެ ދެ މުބާރާތް ކާމިޔާބުކުރަން،" އޭނާ ބުންޏެވެ.