17 Apr 2014, 10:35
އަންނަ މެއި މަހުގެ 19 އިން 30 އަށް ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަކީ އެ މުބާރާތް ބާއްވާ އެންމެ ފަހު ފަހަރުކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭފްސީ) އިން އިއްޔެ ފާސްކޮށްފި އެވެ.
އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާގެ ޗެއާމަން ކަމުގައި މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ އޭއެފްސީގެ މައި މައި މަރުކަޒުގައި ބުދަ ދުވަހު ބޭއްވި، އޭއެފްސީ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީން ނިންމާފައި ވަނީ، ރާއްޖޭގައި މިފަހަރު ބާއްވާ، "އޭއެފްސީ ޗެލެންޖް ކަޕް 2014" އަށް ފަހު އެމުބާރާތް އޭފްސީ މުބާރާތްތަކުގެ ލިސްޓުން އުނިކުރުމަށެވެ.
ޗެލެންޖް ކަޕް އިތުރަށް ނުބާއްވާ ގޮތަށް ނިންމުމަށް ފަހު، އެކްސްކޯގެ ބައްދަލުވުމުގައި، އޭއެފްސީ އިން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ އޭޝިއަން ކަޕްގައި ޓީމުތަކަށް ޖާގަދޭ އަދަދު އިތުރު ކުރުމަށް ވެސް ނިންމައިފަ އެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން، އޭޝިއަން ކަޕްގައި މިހާރު ދޭ 16 ޖާގައިގެ ބަދަލުގައި 24 ޓީމަށް ފުރުސަތުދޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.
މިއަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕްގައި އޭޝިއާ ސަރަހައްދުން ވާދަކުރާ، އީރާން، ޖަޕާން، ކޮރެއާ އަދި އޮސްޓްރޭލިޔާއަށް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް އޭއެފްސީ ވުމަންސް އޭޝިއަން ކަޕާއި، އޭއެފްސީ ޗެލެންޖް ކަޕާއި، އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް ޗެއާމަން ވިދާޅުވި އެވެ.
އޭއެފްސީ ޗެލެންޖް ކަޕަކީ ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތް އެންމެ ފުރަތަމަ 2006 ގައި ބޭއްވީ އޭއެފްސީގެ ކުރީގެ ރައީސް މުހައްމަދު ބިން ހައްމާމްގެ ދައުރުގައި ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008 ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު މި މުބާރާތް ބޭއްވީ ނޭޕާލުގަ އެވެ.
ޖުމުލަ އަށް ޓީމު ބައިވެރި ކޮށްގެން ބާއްވާ މި މުބާރާތް މިހާތަނަށް ހަތަރު ފަހަރު ބާއްވާފައިވާ އިރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ 2010 އަދި 2012 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ދެކުނު ކޮރެއާ އެވެ. މުބާރާތުގެ ފުރަތަމަ ފަހަރު ތަށި އުފުލައިލީ ތަޖިކިސްތާން އެވެ. އަދި ދެވަނަ ފަހަރު ތަށި އުފުލައިލީ އިންޑިއާ އެވެ.
އޭއެފްސީ ޗެލެންޖް ކަޕްގެ އެންމެ ފަހު އެޑިޝަން ރާއްޖޭގައި ބާއްވާއިރު، ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ، ރާއްޖެ، ފަލަސްތީން، ކިރްގިސްތާން، އަދި މިޔަންމާ އެވެ. އަދި ގްރޫޕް ބީ ގައި ހިމެނެނީ، ތުރުކެމަނިސްތާން، ފިލިޕީންސް، އަފްޣާނިސްތާން އަދި ލާއޯސް އެވެ.