17 Apr 2014, 10:23
ކަނޑުއަޑީގައި އިންސާނުންނާ ނުލައި ދުއްވާ ޑްރޯން ( ބްލޫފިން 21 ) ފޮނުވައިގެން ކުރި މަސައްކަތުން ވެސް ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް 370 ގެ އެއްވެސް ހިލަމެއް ނުވި އެވެ.
މަތިންދާބޯޓް ހޯދުމަށް މަސައްކަތްކުރާ ގައުމުތަކުން އެކުލަވާލާފައިވާ ޖޮއިންޓް އެޖެންސީ ކޯޑިނޭޝަން ސެންޓަރް(ޖޭއޭސީސީ)އާ ހަވާލާދީ ޗައިނާގެ ޒިންހުއާ ނިއުސް އިން ބުނީ ބްލޫފިން 21 ގެ ފުރިހަމަ މިޝަން އެއް އިއްޔެ ނިންމާލާފައިވާ ކަމަށެވެ. އަދި އޭގައިވާ މައުލޫމާތު ޑައުންލޯޑްކޮށް، އެނަލައިޒް ކުރި އިރު ފާހަގަ ކުރެވޭ ވަރުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ޖޭއޭސީސީން ވަނީ ބުނެފަ އެވެ. ބްލޫފިން 21 ގެ މިޝަންގައި 90 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބެލި އެވެ.
މަތިންދާބޯޓް ހޯދުމުގެ މަސައްކަތް މިއަދު ވަނީ އަލުން ފަށާފަ އެވެ. އެމަސައްކަތުގައި ބްލޫފިން 21 ގެ އިތުރުން 12 މަތިންދާބޯޓާއި 11 ކަނޑުބޯޓް ބައިވެރިވާކަމަށް ޖޭއޭސީސީން ބުންޏެވެ.
އޮސްޓްރޭލިއާގެ ބޯޓް އޯޝަން ޝީލްޑަށް ކަނޑުން ނަގާފައިވާ ތެލުގެ ސާމްޕަލް މިހާރު އޮސްޓްރޭލިއާގެ ޕާތަށް ގެންގޮސްފައިވާ ކަމަށް ވެސް އެޖެންސީން ވަނީ ބުނެފަ އެވެ. އެތެޔޮ ތައް ޓެސްޓް ކުރާނެ ކަމަށާއި ޓެސްޓްތަކުގެ ނަތީޖާ ލިބުމުން އެމައުލޫމާތު އާއްމުކުރާނެ ކަމަށް ވެސް ބުންޏެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހު އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.