17 Apr 2014, 10:13
ހިފާފައިވާ ގުދްސު (އެޕްރީލް 17) : އިސްރާއީލުގެ އަތްދަށުގައިވާ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު އަދި ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާގެ ހަރަމްފުޅުގެ ތެރެއަށް ވަނުމުގެ ފުރްސަތު އިސްރާއީލުގެ ސަރުކާރުން ޔަހޫދީންނަށް ދިނުމާ ގުޅިގެން އެކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން އިހްތިޖާޖް ކުރުމުން އިސްރާއީލުގެ ސިފައިން ރަބަރު އުންޑައިން ޙަމަލާދީ ފަލަސްތީނުގެ އެތަށްބަޔަކު ޒަޚަމްކޮށްލައިފި އެވެ.
ހިފާފައިވާ ގުދްސުން ލިބޭ ރިޕޯޓްތައް ބުނާ ގޮތުން މަސްޖިދުލްއަގްސާގެ ހަރަމްފުޅުގެ ތެރެއަށް ވަނުމުގެ ފުރްސަތު ޔަހޫދީން ދިނުމަށްޓަކައި އިސްރާއީލުގެ ސިފައިން އެތަނުގެ ދޮރޯށިތައް އިއްޔެ ހުޅުވާލުމުން ފަލަސްތީނުގެ އެތައްބަޔަކު ވަނީ އޮއްގަލުން އިސްރާއީލު ސިފައިންނަށް ހަމަލާތައް ދީފަ އެވެ. އޮއްގަލުގެ ހަމަލާތަކާ އެކު އިސްރާއީލު ސިފައިން ރަބަރު އުންޑަ ބޭނުންކޮށްގެން ފަލަސްތީނު މީހުންނަށް ޙަމަލާ ދިނުމުގެ ސަބަބުން ފަލަސްތީނުގެ 30 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށާ ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފަލަސްތީނުން ބުނެ އެވެ. ނަމަވެސް މަސްޖިދުލްއަގްސާ އަށް ޔަހޫދީން ވަނުމާ ދެކޮޅަށް ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު އިހްތިޖާޖްތައް ކުރަމުން ދިޔުމުގެ ސަބަބުން ޔަހޫދީންގެ ވަރަށް މަދުމީހަކަށް ނޫނީ އެތަނުގެ ދޮރޯށިތައް ކައިރިއަށް އަންނަން ކެރިފައިނުވާ ކަމަށްވެ އެވެ. އަދި ދޮރޯށިތައް ކައިރިއަށް އައި ހަރުކަށި ޔަހޫދީންވެސް އެތަނުގެ އެތެރެއަށް ވަދެފައިވާކަން ސާފުވެފައެއް ނުވެ އެވެ.
މާތްވެގެންވާ މަސްޖިދުލްއަގްސާގެ މުގައްދަސް ބިނާ ހުރި ތަނަކީ ސަލާމްލެއްވި ސުލައިމާނުގެ ފާނުގެ ދުވަސްވަރު ބިނާކޮށްފައިވާ ޔަހޫދީންގެ ފައްޅިއެއް ހުރިތަނެއްކަމަށްބުނެ އިސްރާއީލާއި ޔަހޫދީ ޒަޔަނިސްޓުން އަޑުއުފުލަމުން ގެންދެއެވެ. ނަމަވެސް މިއީ ހަގީގަތެއްނޫން ކަމަށް ފަލަސްތީނު މީހުން ބުނެއެވެ. (އަލްޖަޒީރާ)