17 Apr 2014, 10:06
އޮޑިޓް ރިޕޯޓްތައް ތައްޔާރުކުރުމަށް އެއްބާރުލުން ނުދޭ ދައުލަތުގެ ބައެއް މުއައްސަސާތައް އެބަހުރި ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު "ސަން" އަށް ވިދާޅުވީ އޮޑިޓް ރިޕޯޓްތައް ނެރުން ލަސްވުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. އެގޮތުން އޮޑިޓް އޮފީހުގެ މުވައްޒިފުންގެ ތަޖުރިބާގެ މައްސަލައާއި ބައެއް މުއައްސަސާތަކުން އެއްބާރުލުން ނުދިނުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެ މުއައްސަސާތަކުގެ ތަފްސީލެއް ވިދާޅެއް ނުވެ އެވެ.
"ބައެއް މުއައްސަސާތަކުން އެއްބާރުލުން ވަރަށް ކުޑަ، ހާއްސަކޮށް އޮޑިޓަށް ބޭނުންވާ ޑޮކިއުމަންޓްތައް މި ފޮނުވަދެނީ މިފޮނުވައި ދެނީ ކަމަށް ބުނެ ނުފޮނުވާ އެބަތިބި،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އޮޑިޓާ ޖެނަރަލް ވިދާޅުވީ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ނުނެރިވި ހުރި އޮޑިޓް ރިޕޯޓްތައް ވަރަށް އަވަހަށް ނެރުއްވާނެ ކަމަށެވެ. އަދި މި އަހަރުގެ ޖޫންގެ ކުރިން މިދިޔަ އަހަރު ދައުލަތުގެ 37 މުއައްސަސާއެއް ހިނގާފައިވާ ގޮތުގެ އޮޑިޓް ރިޕޯޓް ނެރުއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ނަމަ ކޮންމެ އަހަރެއް ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި ވޭތުވެ ދިޔަ އަހަރު ދައުލަތުގެ މުއައްސަސާތައް ހިނގާފައިވާ ގޮތާ ބެހޭ އޮޑިޓް ރިޕޯޓްތައް ނެރެ އާންމުކުރަން ޖެހެ އެވެ. ނަމަވެސް 2011 އާއި 2012 ވަނަ އަހަރުގައި ސަރުކާރުގެ އިދާރާއަކާ ގުޅޭ ގޮތުން ގިނަ އޮޑިޓް ރިޕޯޓްތަކެއް އަދިވެސް ނުނިކުމެ އެބަހުއްޓެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގެ ބައެއް އޮޑިޓް ރިޕޯޓްތައް އަދި ވެސް ނުނިކުމެ އެބަހުއްޓެވެ.