17 Apr 2014, 09:33
ކުޑަބަނޑޮހުގައި ޓޫރިސްޓު ރިސޯޓެއް ގާއިމްނުކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް މާލޭ ސިޓީ ކައުންސިލުން ގަރާރެއް ނެރެފި އެވެ.
ހަތް ކައުންސިލަރުންގެ އަޣުލަބިއްޔަތުން މިދިޔަ އަންގާރަ ދުވަހު ނެރުނު ގަރާރުގައި، މާލޭގެ ރައްޔިތުންނާއި ސްކޫލްތަކުގެ ދަރިވަރުންގެ ހައްގުތައް ގެއްލޭފަދަ ގޮތަކަށް ކުޑަބަނޑޮސް ރިސޯޓަކަށް ހެދުމަށް ބަޔަކާ ހަވާލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ހުއްޓާލުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ގަރާރުގައި ބުނެފައި ވަނީ، މާލޭގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން ގިނަ އާއިލާތައް ކުދިކުދި ތަންތަންކޮޅުގައި ހާސްކަމުގައި ދިރިއުޅެމުންދާއިރު، ހަފްތާގެ ބުރަ މަސައްކަތަށްފަހު ޗުއްޓީ ހޭދަކޮށްލުމަށް އަތްފޯރާއަގެއްގައި ދަތުރު ދިޔުމަށްޓަކައި މާލެއާއި މާލެ ކައިރީގައި އޮތް ހަމައެކަނި ފަޅުރަށަކީ ކުޑަބަނޑޮސް ކަމަށެވެ.
އެރަށަކީ މާލޭގެ ސްކޫލްތަކުގެ ދަރިވަރުންގެ އެކިއެކި ބޭނުންތަކަށާއި ކެޑޭޓް، ސްކައުޓު އަދި ގާލްގައިޑްގެ ހަރަކާތްތައް ހިންގުމަށް ބޭނުންކުރަމުން އަންނަ ރަށެއް ކަމަށް ވެސް އެ ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.
ކުޑަބަނޑޮހުގައި ރިސޯޓެއް ގާއިމް ކުރުމަށް ނިންމާފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގަ އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު ކުޑަބަނޑޮސް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް 50 އަހަރަށް ކުއްޔަށް ދީފައިވަނީ، ކުރީގެ ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) އަށެވެ.
އޭރު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި، އަދި މިހާރުގެ ވެސް ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ވިދާޅުވެފައި ވަނީ، ކުޑަބޮނޑޮސް ތަރައްގީކުރަން ނިންމާފައި ވަނީ ސަރުކާރާ ގުޅިގެން އުފައްދާ ޖޮއިންޓްވެންޗާ ކުންފުންޏެއްގެ ދަށުން ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވަނީ، ކުޑަބަނޑޮހުގައި ޓޫރިސްޓް ފެސިލިޓީތަކެއް ގާއިމް ކުރި ނަމަވެސް އެރަށް ތަރައްގީކުރާނީ، އެތަނަށް ދިވެހިންނަށް އެއްވެސް ހުރަހެއް ނެތި މިހާރު ވެސް އޮންނަ އުސޫލުން ދަތުރު ދެވޭނެ އިންތިޒާމު އޮންނާނެ ގޮތަށް ކަމަށެވެ.