17 Apr 2014, 09:23
ބްރަސަލްސް (އެޕްރީލް 17) : ޔުކްރޭންގެ މަސްރަހު ހޫނުވަމުންދަނިކޮށް ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ޢަސްކަރީ ބާރުތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ނޭޓޯ އިން ދީފި އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޮގް ރަސްމޯސަން ވިދާޅުވީ ރަޝިޔާއާއި އިންވެގެންވާ ބޯލްޓިކްގެ ތިން ގައުމުތައް ކަމަށްވާ އިސްޓޯނިޔާ ލެޓްވިޔާ އަދި ލިޓުއޭނިޔާގެ އިތުރުން ރަޝިޔާގެ އަވަށްޓެރި ޕޮލެންޑްގައިވެސް ނޭޓޯގެ އެއްގަމާއި ކަނޑާ އަދި ވައިގެ ބާރުތައް ވަރުގަދަ ކުރުމަށް މަސައްކަތްކުރަމުން ގެންދާކަމުގަ އެވެ. މިއީ ރަޝިޔާ އަށް ފިއްތުންތައް ކުރިމަތިކުރުމަށް ނޭޓޯ އަޅާ ފިޔަވަޅެއް ކަމަށް މުރާސިލުން ބުނެ އެވެ.
އަނެއްކޮޅުން ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ރަޝިޔާއަށް ތާއީދުކުރާ ހަތިޔާރުއެޅި ފަރާތްތަކުން ޔުކްރޭން ސިފައިންގެ ބައެއް ހަތިޔާރުތަކަކާއި ޢަސްކަރީ ވެހިކަލްތަކެއް އަތުލައި ޔުކްރޭން ސިފައިންގެ ދެ މީހުން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފި ކަމަށް ޔުކްރޭންގެ ދިފާޢީ ވުޒާރާ އިން ބުނެ އެވެ. އެވުޒާރާ އިން ބުނީ ރަޝިޔާ އަށް ތާއީދުކުރާ ހަތިޔާރުއެޅި ފަރާތްތަކުން ޔުކްރޭން ސިފައިންގެ ދެމީހުން ހައްޔަރުކުރީ އެގައުމުގެ އިރުމަތީ ރަށެއް ކަމަށްވާ ލޮގާންސްކްގައި ކަމަށާ ހަތިޔާރުތަކަކާއި ޢަސްކަރީ ވެހިކަލްތައް އަތުލައިގެންފައި ވަނީ ކްރޮމަސޮކް ނަމަކަށްކިޔާ ރަށެއްގައި ކަމުގަ އެވެ.
ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ރަޝިޔާ އަށް ތާއީދުކުރާ ހަތިޔާރުއެޅި ފަރާތްތަކާ ދެކޮޅަށް ޔުކްރޭނުން ޢަސްކަރީ އޮޕަރޭޝަނެއް ފެށި ނަމަވެސް ދެފަރާތުންކުރެ އެއްވެސް ފަރާތަކުން ޙަމަލާތައް ބަދަލުކޮށްފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުކްރޭންގެ ޢަސްކަރީ ކޮމާންޑަރަކު ވެސް ވަނީ އަދި މިހާތަނަށް ދެ ފަރާތުން ވެސް ހަތިޔާރުން ޙަމަލާތައް ބަދަލުކޮށްފައި ނުވާކަން ކަށަވަރުކޮށްދީފަ އެވެ. ޔުކްރޭންގެ ދިފާޢީ ވުޒާރާ ބުނާ ގޮތުން މިދިޔަ އަންގާރަ ދުވަހު ފެށި އަސްކަރީ އޮޕަރޭޝަންގައި ސަރުކާރު ސިފައިން ވަނީ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކުގެ އަތްދަށުގައިވާ އަސްކަރީ ރަންވޭއެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ. ނަމަވެސް ޔުކްރޭންގެ އިރުމަތީގެ ތިން ރަށެއްކަމަށްވާ ސްލަވިޔަންސިކް އާއި ކަރަމަތޯރު އަދި ދޮނިތްސިކްގެ ބޮޑުބައި ވަނީ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާ މިތިންރަށުގައި ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކުން އަސްކަރީ ބާރުވަރު ގަދަ ކުރަމުންގެންދާ ކަމަށް ޔުކްރޭނުން ބުނެ އެވެ.
ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިން ވަނީ ޔުކްރޭން ސިފައިން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންގައި އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފި ނަމަ ޔުކްރޭންގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އެމެރިކާ އިން ވަނީ ޔުކްރޭންގެ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ތުހުމަތުކޮށް ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. ނަމަވެސް އިތުރު ފިޔަވަޅުތައް އެޅުމާ މެދު ގޮތެއްނިންމާނީ ޔުކްރޭންގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޖެނީވާގައި މިއަދު ބާއްވާ ބައްދަލުވުމުގެ ނަތީޖާ އަށް ބެލުމަށްފަހުގައި ކަމަށް ވައިޓްހައުސް އިން ބުނެފައިވެ އެވެ.
ޖެނީވާގެ ބައްދަލުވުމުގައި އެމެރިކާ، ރަޝިޔާ، އަދި ޔުކްރޭންގެ އިތުރުން ޔޫރަޕްގެ އިއްތިޙާދުގެ މަންދޫބުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. (ނޫސްއެޖެންސީތައް)