26 Dec 2010, 10:38
އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުން މި މަހު 31 ވަނަ ދުވަހުގެރޭ ހަނިމާދޫގައި ބާއްވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ރަސްމީކޮށް ލޯންޗުކުރުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ޑީއާރުޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ސެކުރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުން ހދ. ހަނިމާދޫގައި ބާއްވަން ހަމަޖެއްސެވީ ގިނަ ކެންޑިޑޭޓުންނަށް ވެސް ބައިވެރިވެވޭތީ އާއި އަތޮޅުތަކުގެ ރައްޔިތުން އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.
"އެގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ޕާޓީގެ ބައެއް ހާއްސަ ޖަލްސާތައް އެބަ ބާއްވަން އަތޮޅުތަކުގައި. އަދި ހަނިމާދޫގައި ފެސިލިޓީސް ވަރަށް ފަސޭހައިން އެބަހުރި. އެހެންވެ އެ ރަށުގައި ބާއްވަން މި ނިންމީ. އެ ހަފްލާ ވަރަށް ކުލަ ގަދަކޮށް ބޭއްވޭނީ،" ނާފިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ލީޑަރާއި އަދި ޕާލިމަންޓްރީ ގުރޫޕުގެ މެންބަރުން އެ ރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
ޑީއާރުޕީ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ޒައީމު އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ބައިވެރިވެވަޑައިގަންނަވާނެތޯ އާއި ކެމްޕެއިން ތެރެއިން އެ މަނިކުފާނުގެ ދައުރު ކިހާވަރަކަށް ފެނިގެންދާނެތޯ، ސަން އޮންލައިނުން ދެންނެވުމުން ނާފިޒް ވިދާޅުވީ ޒައީމް މައުމޫން ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާކަން އެއްވެސް ސިފައެއްގައި ޕާޓީ އަށް އަންގަވާފައި ނުވާ ކަމަށާއި ޒައީމް އެރޭ ރާއްޖެ ވަޑައިގަންނަވާކަން ވެސް ޕާޓީއަށް އެނގިފައި ނުވާ ކަމަށެވެ.
"އުމަރު ދައްކާ ވާހަކައަށް އެއްޗެއް ދަންނަވާކަން ހަމަ އެއްގޮތަކަށް ވެސް ނޭނގޭ. މީގެ ކުރިން ޒައީމް އަންގަވާނެ ޕާޓީގެ ކަމެއްގައި ޝާމިލްވާން ބޭނުމިއްޔާ. ހަމަ ގައިމު ވެސް އަޅުގަނޑުމެންނަކަށް ޒައީމް އަންގަވާފައެއް ނެތް އެއްވެސް އެއްޗެއް،" އެ ޕާޓީގެ އެއް ނާއިބު ލީޑަރު އުމަރު ނަސީރު، ޒައީމު މައުމޫން މި މަހު 31ގައި މާލެ ވަޑައިގަންނަވާ ކަމަށް ވިދާޅުވާ ވާހަކަ އަށް އިޝާރަތް ކުރައްވައި ނާފިޒް ވިދާޅުވި އެވެ.
ޑީއާރުޕީގެ އުމަރުގެ ފެކްޝަނުން ބުނެފައި ވަނީ ޒައީމް މި މަހުގެ 31 ވަނަ ދުވަހުގެރޭ މާލެ ވަޑައިގަންނަވާނެ ކަމަށާއި މައުމޫން އަމަލީ ގޮތުން ޑީއާރުޕީގެ ކެންޕޭނުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި އުމަރުގެ ފެކްޝަން ވެސް ޒައީމް މައުމޫނުގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އުމަރުގެ ފެކްޝަނުން ވަނީ ބުނެފަ އެވެ.
ނާފިޒް ވިދާޅުވީ ޒައީމް މައުމޫން ރާއްޖެ ވަޑައިގެން ޕާޓީގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ޒައީމް ޕާޓީގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަކީ ކެންޑިޑޭޓުންނަށް ލިބިގެންދާ ތާއީދު އެތައް ގޮތަކުން އިތުރުވެގެން ދާނެ ކަމެއް ކަމަށެވެ.
"ޒައީމް ބޭނުންފުޅުވާ ގޮތަކަށް ޕާޓީގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގެންނެވޭނެ. އެކަމަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން،" ނާފިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް ކެމްޕޭނުގެ އެއްވެސް ކަމެއްގައި މައުމޫނާ މަޝްވަރާކުރިކަން އޭނާ އަށް އެގިވަޑައިނުގަންނަވާ ކަމަށާއި ޑީއާރުޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ ހިޔަނި ޕާޓީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެޅޭނެ ކަމަށް ގަބޫނުކުރައްވާ ކަމަށެވެ.
"ވާހަކަތަކުން މި އެނގެނީ ދެ ވިންގުން ވެސް މަސައްކަތް ކުރައްވަނީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްކަން. ހަމައެކަނި އުޅޭ މައްސަލައަކީ ޕާޓީގެ މެންބަރުންގެ ހިތްތަކުގައި ނުތަނަވަސް ކަމެއް އުފެދުން. ވިންގުގެ މައްސަލައިގައި ކެމްޕޭނަށް އެއްވެސް އަސަރެއް ނުކުރާނެ." ނާފިޒް ވިދާޅުވި އެވެ.
މިއަދުގެ އެ ޕުރެސްކޮންފަރެންސްގައި ނާފިޒް ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކާ އަޅާ ކިޔާއިރު ޑީއާރުޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި ޑީއާރުޕީން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑަށް ޔަގީންވާ އެއްޗަކީ ޕާޓީގެ ކެންޑިޑޭޓުންނަށް އަތޮޅުތަކުގައި ފުރިހަމަ ތާއިދު އެބައޮތްކަން. އެކަން އެބަ އެނގޭ އަޅުގަނޑުމެން ހަފްތާ ބަންދުގައި އަތޮޅުތެރެއަށް މިކުރާ ދަތުރުތަކުން ވެސް. އެއްވެސް ރަށަކުން އަޅުގަނޑުމެންނަށް ތާއީދު ނެތިފައެއް ނެތް." ނާފިޒް ވިދާޅުވި އެވެ.
ޑިއާރުޕީން މިހާރު ވެސް އަންނަނީ ކޮންމެ ހަފުތާ ބަންދަކު ޕާޓީގެ ލީޑަރު ތަސްމީން އަލީ އާއި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ހިމެނޭ ގޮތަށް ކެމްޕޭނު ދަތުރުތައް އަތޮޅުތެރެއަށް ކުރަމުންނެވެ.