27 Mar 2010, 10:37
ހޯމް މިނިސްޓަރު މުހައްމަދު ޝިހާބުގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމަށް އަންނަ ހޯމަ ދުވަހު ހުށަހަޅާނެ ކަމަށް ޑީއާރުޕީގެ ނައިބް ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރޭ މާލޭގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މަޖިލީހުގެ ތިން މެބްބަރުންނާއި އެޕާޓީގެ ނައިބު ލީޑަރަކު ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންދިއުމާ ގުޅިގެން އެކަން ކުށްވެރިކޮށް ޑީއާރުޕީގެ އޮފީސް ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ، އެމެންބަރުން ހައްޔަރުކޮށްގެން ގެންގޮސް ފުލުހުން އަމަލްކޮށްފައި ވަނީ މަޖިލީހުގެ މެންބަރުންތަކާ މެދު އަމަލްކުރަންނުވާ ފަދަ ނިކަމެތި ގޮތަކަށް ކަމަށެވެ. އަދި ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އެޕާޓީން ވަމުންދާ ކަމަށާއި އެމައްސަލަ ހުށަހެޅުމަށް އެޕާޓީން ނިންމީ ޤާނޫނާ އެއްގޮތަށް އެޕާޓީން ބާއްވަމުން ގެންދިޔަ މުޒާހަރާއެއްގެ ތެރެއަށް ކަރުނަ ގޭސްޖަހާ އެމުޒާހަރާ ރޫޅާލައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުލުހުން ހުރަސްއަޅާފައިވާތީ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އަދި ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ މައްސަލާގައި ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަރިހުގައި އެދިވަޑައިގަތުމުން އެކަންތައް އެގޮތަށް ކުރެއްވުމަށް މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެރޭ މަޖިލީހުގެ ރައީސްގެ ދައުވަތަށް އެ މަޝްވަރާއަށް ވަޑައިގެންނެވީ ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ އެކަނި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މަޝްވަރާނުކޮށް އެކަންތައް އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަލީ ވަހީދު ތުހުމަތުކުރެއްވި އެވެ. އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާން ފުރުސަތު ދިނުމުން ޑީއާރުޕީން ކުރިއަށްގެންދާ މުޖާހަރާތައް ހުއްޓާލާނެ ކަމަށެވެ.
ރޭ އެމްޑީޕީއާއި ޑީއާރުޕީގެ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެޕާޓީގެ މެންބަރުންތަކެއް ހައްޔަރުކޮށްފައިވާތީ ޑީއާރުޕީގެ އަންހެނުންގެ ގޮފީގެ ފަރާތުން ވެސް ވަނީ އެކަންތައް ކުށްވެރިކޮށްފަ އެވެ. ޑީއާރުޕީގެ އަންހެނުން ގޮފީގެ ރައީސް ދުންޔާ މައުމޫން މިއަދު ވިދާޅުވީ ރޭ އެކަންތައްތައް ހިނގައިދިޔަ ގޮތާ މެދު ޑީއާރުޕީގެ އަންހެނުންގެ ގޮފިންވެސް ކަންބޮޑުވާ ކަމަށާއި އަދި އިންސާނީ ހައްޤުތައް މިހާރު ލިބިދީފައިވާ ކަމަށް މިސަރުކާރުން ބުނާއިރު އެބޭފުޅުންގެ ބަހާއި އަމަލާ ދިމާނުވާ ކަމަށްވެސް ދުންޔާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލާފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ޑީއާރުޕީގެ ފަރާތުން މިއަދު ހަވީރު ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ލޯރި ބުރެއް ބާއްވާފަ އެވެ. ޑީއާރުޕީ އޮފީސް ކައިރިން ފެށި އެ ލޯރީބުރުގައި ގިނަ އަދަދެއްގެ ޑީއާރުޕީގެ ސަޕޯޓަރުން ބައިވެރިވެފައިވެ އެވެ. އަދި ލޯރީ ބުރުގެ ބައިވެރިން ވަނީ ރައީސް ނަޝީދުގެ އިސްތިޢުފާއަށް ވެސް ގޮވާލައި އަޑުއުފުލާފަ އެވެ.