ގާހިރާ (އެޕްރީލް 17) : މިސްރުގެ އިންތިޚާބީ ވެރިކަން ޢަސްކަރީ އިންގިލާބަކުން ވައްޓާލުމަށް ފަހު އެގައުމުގައި އުފައްދާފައިވާ ވެރިކަމުގެ ނިޒާމު ދެމިނޯންނާނެ ކަމަށް މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ވިދާޅުވެއްޖެ އެވެ.

މުރުސީގެ މައްޗަށް މިސްރުގެ ވަގުތީ ސަރުކާރުން ކޮށްފައިވާ ޖާސޫސު ކުރުމުގެ ތުހުމަތު ތަކަކާ ގުޅިގެން އޭނާގެ މައްޗަށް ފުލުހުން ކުރަމުން ގެންދާ ތަހްގީގްތަކެއް އަޑުއެހުމުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުރުސީ ވިދާޅުވީ އޭނާއަކީ މިސްރުގެ ޝަރުޢީ އަދި ގާނޫނީ ރައީސް ކަމަށާ އޭނާ ވެރިކަން ވައްޓާލާފައި ވަނީ އަސްކަރީ ބަޣާވާތަކުން ކަމުގަ އެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ވެސް މިސްރުގެ ގާނޫނުތަކާ އަދި އިންސާނީ ހައްގުތަކާ ވެސް ޚިލާފަށް ކަމުގަ އެވެ. މިދިޔަ އަހަރުގެ ޖުލައިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނަ ވަނީ ވަގަށްނަގާފައިވާ ރަހީނެއްގެ ގޮތުގައި ކަމަށާ އޭނާ ރަހީނުކޮށްފައިވާ މައްސަލަ އެއްވެސް ފަރާތަކުން ތަހްގީގު ނުކުރާ ކަމީ އޭނާގެ ހައްގުތައް ގެއްލިގެންދާ ކަމެއްކަމަށް ވެސް މުރުސީ ވިދާޅުވި އެވެ. ޖާސޫސު ކުރުމުގެ ތުހުމަތު މުރުސީގެ އިތުރުން އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ 35 ލީޑަރެއްގެ މައްޗަށް މިސްރުގެ ވަގުތީ ސަރުކާރުންވަނީ ކޮށްފަ އެވެ.

ގާހިރާގައި ހުންނަ މިސްރު ފުލުހުންގެ އެކަޑަމީގައި ކުރިޔަށްދިޔަ މިތަހްގީގްތަކުގައި މުރުސީވަނީ މިސްރުގެ އިންގިލާބީ ވެރިންނާ ދެކޮޅަށް ރައްޔިތުން ކުރަމުން ގެންދާ އިހްތިޖާޖްތަކަށް ތާރީފު ކުރައްވައި އެކަމަށް ޓަކައި މިސްރު ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަނެއްކޮޅުން މިސްރުގެ ކޯޓަކުން ވަނީ މުރުސީ އަށް ތާއީދުކުރާ 119 އެކްޓިވިސްޓުން ބުރަ މަސައްކަތާ އެކު 3 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެ ވެ. މި 119 މީހުންނަކީ ވެސް މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ މެންބަރުންނެވެ. މި 119 މީހުންގެ މައްޗަށް ސާބިތުވި ކުށަކީ މިދިޔަ އޮކްޓޯބަރު މަހު މިސްރުގެ ޢަސްކަރީ އިންގިލާބާ ދެކޮޅަށް އިހްތިޖާޖްތައް ކުރުމެވެ.

މިއިހްތިޖާޖްތައް ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކޯޓުގެ ހުކުމްގައިވެ އެވެ. މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން މިދިޔަ އޮކްޓޯބަރު މަހު ކުރި މިއިހްތިޖާޖްތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 50 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައި އެވެ. (އަލްޖަޒީރާ)