އޮފީސްތަކުގައި ދިމާވާ ޖިންސީ ފުރައްސާރައިގެ އަމަލުތައް ތަހުގީގުކޮށް ބެލުމަށްޓަކައި ކޮންމެ އޮފީހެއްގައި ކޮމެޓީއެއް އުފައްދަން ލާޒިމްކޮށްފައިވާ ބިލް، މަޖިލީހުން މިއަދު ދިރާސާކޮށް ނިންމައިފި އެވެ.

ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ބިލު ދިރާސާ ކުރީ މަޖިލީހުގެ ތަޅުމުން އެކުލަވާލި 11 މެމްބަރުންގެ ކޮމެޓިއަކުންނެވެ. އެ ކޮމެޓީގެ ސަބް ކޮމެޓީން ބިލް ދިރާސާކޮށް ނިންމުމަށްފަހު މިއަދު ވަނީ މައި ކޮމެޓީއަށް ފޮނުވާފަ އެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަދާމާ ބާއްވާ ކޮމެޓީން އެ ބިލް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ބިލުގައިވާ ގޮތުން ޖިންސީ ފުރައްސާރަ ކުރުން ކަމަށް ބެލެވޭނީީ މީހެއްގެ "ނުގަބޫލުގައި" ޖިންސީ އަމަލެއް ހިންގުމަށެވެ. ޖިންސީ އަމަލު ހިންގުން ކަމަށް ބެލެވޭނީ އެ އަމަލު ހިންގާ މީހަކު ދައްކާ ވާހަކައަކުން، ނުވަތަ ބުނާ ބަސްތަކަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ދައްކާ ކުރެހުމަކުން، ނުވަތަ ތަސްވީރަކުން ނުވަތަ އިއްވާ އަޑަކުން ނުވަތަ ކުރާ އިޝާރާތަކުން އެނޫން ވެސް އަމަލެއްގެ ސަބަބުން އެކަން ރައްދުވާ މީހާއަށް އެ އަމަލުން ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ދިއުމަށެވެ.

ބިލުގައި ބުނެފައިވާ ގޮތުން އޮފީހުގެ މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރައިގެ އަމަލުތައް ތަހުގީގުކޮށް ބެލުމަށްޓަކައި ކޮންމެ އޮފީހެއް [ކުންފުންޏެއް، މުއައްސަސާއެއް، މަރުކަޒެއް]ގައި ކޮމެޓީއެއް އުފައްދަންޖެހެ އެވެ. އެގޮތުން 10 މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ކޮމެޓީ އެކުލަވާލަންވާނެ ކަމަށާއި އެ ކޮމެޓީގެ މެޖޯރިޓީ އޮންނަންވާނީ އަންހެނުންގެ މައްޗަށް ކަމަށް ވެސް ބިލްގައިވެ އެވެ. އަދި އެ ކޮމެޓިއަށް ރައީސްއަކާއި ނައިބު ރައީސްއަކު އިންތިހާބު ކުރަންޖެހެ އެވެ.

ޖިންސީ ފުރައްސާރައިގެ އަމަލު ބަލާ ކޮމެޓީ މައްސަލަ ބެލުމުގައި އަމަލު ކުރާނެ އިޖުރާއަތު މި ބިލުގެ ދަށުން ހަދާ ގަވާއިދުގައި އެކުލަވާލަންޖެހެ އެވެ.

ވަޒީފާ އަދާ ކުރާ އަންހެނުންނާއި އަދި ވަޒީފާ ހޯދުމަށް އަންނަ އަންހެން ކުދިންނަށް ދިމާވާ ޖިންސީ ފުރައްސާތަކާ ގުޅިގެން، އޮފީސް މާހައުލުގައި ކޮށްގެން ނުވާނެ ގިނަ ކަންތައްތަކެއް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ވަޒީފާއެއް ލިބޭނީ ވަޒީފާ ދޭ ފާރާތުން ހިންގާ ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތައް ބަލައިގަނެގެން ކަމަށް ހީކުރެވޭ ގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި ވަޒީފާ ދިނުމުގައި ބަލާ މިންގަނޑެއް ކަމަށް، ވަޒީފާއަށް އެދޭ ފަރާތައް އެއްވެސް މިންވަރަކަށް ހީކުރެވޭފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ ބަހުރުވަ ނުވަތަ އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށްވެސް ބިލްގައިވެ އެވެ. އަދި ޖިންސީ ފުރައްސާރަ ބަލައިގަންނަ މުވައްޒަފަކަށް ވަޒީފާގައި ދެމި ހުރުމާއި ވަޒީފާގެ ކުރި އެރުން ލިބޭނެ ގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށާއި ހަމަހަމަ ގޮތެއްގައި ހުރިހާ ފަރާތްތަކާ ދޭތެރޭގައި އަމަލުތައް ބަހައްޓަންވާނެ ކަމަށް އެ ބިލުގައި ބުނެ އެވެ.

މަރުކަޒުތަކުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން ނާޖާއިޒް ފައިދާ ނަގައިގެން އެ މީހުނަށް ޖިންސީ ފުރައްސާރަކޮށްގެން ނުވާނެ ކަމަށް ބިލުގައި ބަޔާން ކުރެ އެވެ. އެގޮތުން މަރުކަޒުތަކުގައި ބަލަހައްޓަމުންދާ ކުޑަކުދިންނާއި މުސްކުޅިންނާއި ނުކުޅެދޭ މީހުންގެ އިތުރުންވެސް ވެސް އެހެން ބަޔަކަށް ވެސް ޖިންސީ ފުރައްސާރަކޮށްގެން ނުވާނެ ކަމަށް ބިލުގައި ބުނެ އެވެ.

ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމުގެ ބިލް ސަރުކަރުގެ ފަރާތުން ރޮޒައިނާ މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު ސަރުކާރުން ވަނީ 12 ބިލެއް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ބައެއް ބިލްތައް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.