ސުނާމީގައި ހަލާކުވި ގެތައް އެޅުމުގެ މަސައްކަތުގެ ދުވެލި މަޑުކަމުން ކުރިއަށް އޮތް 2011 ވަނަ އަހަރުގެ ނިޔަލަށް ވެސް ހުރިހާ ގެއެއްގެ މަސައްކަތް ނިންމާލެވޭވަރު ނުވާނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ޝާހިދު ވިދާޅުވީ މިހާރު މަސައްކަތުގެ ސްޕީޑް ހުރި ގޮތުން ސުނާމީގައި ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ނިމޭނީ 2012ގެ  ނިޔަލަށެވެ.


"އެއްކޮށް މި އަންނަ އަހަރު ތެރެއަކު [ހުރިހާ ގެއެއްގެ މަސައްކަތެއް] ނުނިމޭނެ. ދެ ހާސް ބާރަ ވަނަ އަހަރުގައި މުޅިން އެއްކޮށް ނިމޭނީ. ލަސް.. އަޅުގަނޑުމެން ވެސް ބޭނުން ވަނީ މިއަށް ވުރެ އަވަސް ކުރަން،" ޝާހިދު ވިދާޅުވި އެވެ.  


ގެތައް އެޅުމުގެ ދުވެލި މަޑުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ދެ ރަށެއްގެ ރައްޔިތުންގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކާއި ކޮންޓްރެކްޓް ކުރުމުގައި ދިމާވާ ދަތިތައް ހިމެނޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.


"ތަފާތު ރަށްރަށުގައި ހުރީ ތަފާތު މައްސަލަތައް. އެއްބަޔަކު އަނެއް ބަޔަކާ ދެމެދުގެ ހިތްހަމަނުޖެހުން [ފަދަ މައްސަލަތައް މިހުރީ]. މިސާލަކަށް ކޮޅުފުއްޓާއި މަޑިފުއްޓާ އެ ދެ ރަށަކީ އެހެން ދިމާވި ދެ ރަށް. ދެން ހުރީ ކޮންޓްރެކްޓް ކުރުމުގައި ލަސްވެގެން ދިޔަ ކަންތައްތައް." ޝާހިދު ވިދާޅުވި އެވެ.


ސުނާމީގައި ހަލާކުވި ގެތަކުގެ ތެރެއިން 50 ގޭގެ އަމަލީ މަސައްކަތް އަދި ވެސް ފެށައިގަނެވިފައި ނުވާކަން ޝާހިދު ފާހަގަކުރެއްވި އެވެ. އެ 50 ގެ އަކީ ރ. އަތޮޅު ދުވާފަރުގައި އަޅަން ޖެހޭ 45 ގެ އަކާއި ތ. އަތޮޅު ވިލުފުށީ އަޅަން ޖެހޭ ފަސް ގެ އެކެވެ. އެ 50 ގެ އެޅުމަށް 2011 ވަނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމެނިފައި ހުންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.


ގއ. ގެ ހަތަރު ރަށެއްގައި އިމާރާތްކުރަމުން އަންނަ 298 ގޭގެ ތެރެރެއިން ނިމިފައި ވަނީ 25 ޕަސަންޓު ކަމަށާއި ލ. މައިބައިދޫގައި އަޅާ 45 ގެ އިން ނިމިފައި ވަނީ 55 ޕަސަންޓް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި މ. މަޑިފުށީގައި އިމާރާތްކުރާ 42 ގޭގެ މަސައްކަތް ކުރާނެ ފަރާތެއް ހޮވުމަށް ފަހު ޓެންޑާ ބޯޑުން ޑީޒާސްޓާ މެނޭޖްމަންޓަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގަތް ވައުދުތަކުގެ ތެރޭގައި އެމްޑީޕީ ސަރުކާރެއް ވެރިކަމަށް އަންނަތާ އެއް އަހަރު ދުވަހުގެ ތެރޭގައި ސުނާމީގައި ހާލުގައި ޖެހިފައި ތިބި ހުރިހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.


އެމްޑީޕީ ސަރުކާރަށް ދެ އަހަރު ފުރިފައި ވަނީ މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށެވެ.  


ދެ ހާސް ހަތަރު ވަނަ އަހަރުގެ ޑިސެންބަރު މަހު 26 ވަނަ ދުވަހު ރާއްޖޭގެ ގިނަ ރަށްތަކަށް އެރި ސުނާމީގައި 82 މީހުން މަރުވެ، 26 މީހުން ވަނީ ގެއްލިފަ އެވެ. މިއަދަކީ ހާދިސާ އަށް ހަ އަހަރު ފުރުނު ދުވަހެވެ.