16 Apr 2014, 15:51
ޖާދޫގެ އުކުޅުތަކުން މީހުން ހައިރާން ކުރުވާތާ 30 އަހަރުވެފައިވާ ޖާދޫގަރަކު ހައިރާން ކޮށްލާނެ ގޮތެއް އޮންނާނެބާވަ އެވެ؟ އާ އެނކެވެ. ހައިރާންކޮށްލެވިދާނެ އެވެ. ކުރަންޖެހޭނެ ކަމަކީ އެމީހަކު ރާއްޖެ ގެނައުމެވެ.
އަންނަ ހުކުރު ދުވަހު ކާނިވަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދަ މެޖިކް ސާކަސް އޮފް ސަމޯއާ" ގްރޫޕުގެ ވެރިޔާ ބްރޫނޯ ލޮޔާލްއަކީ އޭނާގެ ޖާދުލުން މީހުން ހައިރާން ކުރުވާތާ 30 އަށްވުރެ ގިނަ އަހަރުވެފައިވާ މީހެކެވެ. އެކަމަކު ރާއްޖޭގެ ރީތިކަން ފެނިފައި އޭނާ ވެސް ހައިރާންވެއްޖެ އެވެ.
"ރާއްޖެ ހާދަ ރީއްޗޭ. ރާއްޖޭގެ ރަށްތަކަކީ ވަރަށް ހާއްސަ ރަށްތަކެއް. މަތިން އަތޮޅުތައް ފެންނަ އިރު ހަމަ އަޖައިބުވޭ. ވަކިން އޮންނަ ކުޑަކުޑަ ރަށެއްގައި ހަދާފައި ހުރި އެއާޕޯޓަކަށް ބޯޓު ޖައްސާލުމާއެކު ވެސް އަހަންނަށް ފެނުނީ ހުސް ހައިރާންވާންޖެހޭ ކަންތައްތައް،" ސާކަސްގެ ތައްޔާރީތައް ބަލައިލަން ގޮސް ހުރި ބްރޫނޯ ބުންޏެވެ.
ބްރޫނޯގެ ގައުމު ސަމޯއާ އައިލެންޑްސް އަކީ ވެސް ރާއްޖެ ގޮތަށް ޖަޒީރާ ގައުމުކެވެ. އެ ގައުމު އޮންނަ ހިސާބު ބްރޫނޯ ކިޔައިދިނެވެ.
"ސަމޯއާއަކީ ނިއުޒިލޭންޑާ ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ ދުރު މިނުގައި އޮންނަ ގައުމެއް. އޮސްޓްރޭލިއާގެ އުތުރާ ގާތްގަނޑަކަށް ފަސް ގަޑިއިރު ދުރުމިން ހުންނާނެ. ކުރުކޮށް ބުނަންޏާ އަހަރުމެން ގައުމު އޮންނާނީ ޕެސިފިކް އޯޝަންގެ ސީދާ މެދުގަ،" އޭނާ ބުންޏެވެ.
ސަމޯއާ އަކީ ވެސް ރާއްޖެ ގޮތަށް ކުދި ރަށްތަކަކަށް ބެހިގެންވާ ގައުމެކެވެ. އެކަމަކު ރާއްޖެއާ މާ ބޮޑަށް ވެސް ތަފާތެވެ. ރާއްޖޭގެ ރީތިކަމާ އެއްވަރަށް މާލޭގެ އުސް އިމާރާތްތައް ވެސް އޭނާއަށް އަޖައިބު ކުރުވި އެވެ.
"މާލެ ވަރުގެ ކުޑަކުޑަ ރަށަކަށް މީހުން ހަދާލާފައި އޮތް ގޮތް ފެނުނީމަ ވެސް ވަރަށް އަޖައިބުވި. އަހަރުމެން ގައުމުގެ އެންމެ އުސް އިމާރާތް ވެސް ވާނީ ހަތަރު ބުރި. އެކަމަކު މާލޭގައި 12 ބުރި 13 ބުރި ވެސް އެބަހުރި. އަހަންނަށް ގަބޫލު ކުރަން ވެސް ދަތި!. މިކަހަލަ މަންޒަރެއް އަހަރެން ދުވަހަކު ވެސް ނުދެކެން،" ބްރޫނޯ ބުންޏެވެ.
ރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި ސާކަސް ބޭއްވުމަށް ނިންމުމުން މީހުން ބްރޫނޯ އާ ވަރަށް ސުވާލު ކުރެ އެވެ. ބްރޫނޯގެ ޖަވާބުން ފަހަރުގައި އަހަރުމެން ދިވެހިން ހައިރާންވެދާނެ އެވެ.
"މީހުން ކުރާ ސުވާލަކީ ކީއްވެހޭ ސާކަސް ރާއްޖެއަށް އައީ މިހާ އާބާދީ ކުޑަ ގައުމަކަށް. އެކަމަކު ރާއްޖޭގެ އާބާދީ އަހަރުމެން ގައުމުގެ އާބާދީއަށް ވުރެ މާ ބޮޑު. އަހަރުމެންގެ އާބާދީއަކީ 172،000 މީހުން. ސަމާއޯ އަކީ ވޮލްކެނިކް ގައުމެއް. އެހެންވެ އަހަރުމެން ގައުމުގައި ފަރުބަދަ ހުންނާނެ،" އޭނާ ބުންޏެވެ.
ސާކަސްގައި ފެންނާނެ ބައެއް ހަރަކާތްތައް ވެސް ބްރޫނޯ ކިޔައިދިނެވެ.
"މިތަނުން ހުރިހާ ކަމެއް ވެސް ފެންނާނެ. މީހުން ވައިގެ ތެރޭގައި ދައްކާލާ ހުނަރުތައް ފެންނާނެ. އިންޑިއާސް ގޮޓް ޓެލެންޓް ގެ 2011 ވަނަ އަހަރުގެ ޗެމްޕިއަނުން މިތަނުން ފެންނާނެ. ޖަގްލާސް އުޅޭނެ. އެކްރޮބެޓުން އުޅޭނެ. ކްލައުންސް އުޅޭނެ. ނެށުން އޮންނާނެ. މިހެން ގޮސް ހަމަ ގާތްގަނޑަކަށް ހުރިހާ ކަމެއްހެން އޮންނާނެ. މި ސާކަސް ވެގެންދާނީ ދެގަޑިއިރާ ބައިގެ މަޖާ ހަރަކާތްތަކަކަށް،" ބްރޫނޯ ބުންޏެވެ.
ޓިކެޓުގެ އަގުތައް 85، 110 އަދި 140 ރުފިޔާއަށް އުޅޭ ސާކަސް ބަލައިލުމަށް އަންނަ ކޮންމެ މީހަކަށް އުވާފެރި ވަގުތުކޮޅެއް ހޭދަ ކޮށްލެވޭނެ ކަމުގެ ޔަގީންކަން ބްރޫނޯ ދިނެވެ.
ރޭގަނޑު ބާއްވާ ޝޯތައް އާދީއްތަ ދުވަހު ނޫން ކޮންމެ ރެއެއްގެ ވެސް 8:00 އިން 2 ގަޑިއިރާއި 30 މިނެޓަށް ދިގު ދެމިގެންދާއިރު، އެ ޝޯތަކުގެ ޓިކެޓް ކުޑަކުއްޖަކަށް ވިއްކަނީ 130 ރުފިޔާ އަށެވެ. އަދި ބޮޑު މީހަކަށް 160 ރުފިޔާއަށް ވިއްކާއިރު ވީއައިޕީ ޓިކެޓް އުޅެނީ 210 ރުފިޔާ އަށެވެ.
"މި ސާކަސްގެ ޝޯތަކަކީ ހަމަ މަޖާކޮށް، އުފާވެލަން އަންނަ ކަހަލަ ޝޯތަކެއް. ކަލޭމެން ހިނިތުން ނުވެ، ހީ ނުހަދައިފިއްޔާ ޓިކެޓުގެ ފައިސާ އަހަރެން އަނބުރާ ދޭނަން،" ހިނިގަނޑަކާއެކު އޭނާ ބުންޏެވެ.