26 Dec 2010, 09:25
ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާގެ ކުރީގެ ފިރިމީހާ، މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިން ހަމަލާދިނީ ގަސްދުގައި ނޫން ކަމަށާއި އޭނާގެ މައްޗަށް ދައުލަތުން ކުރާ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއަށް އިންކާރު ކުރާ ކަމަށް ނަޒާހާ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި މިއަދު ބުނެފި އެވެ.
މީގެ އިތުރުން ޝަރީއަތުގައި ނަޒާހާ ބުނީ މި މައްސަލައިގައި ގާނޫނީ ވަކީލަކު އައްޔަން ކުރަން ބޭނުން ނުވާ ކަމަށާއި ދައުލަތުން ހަމަޖައްސައިދޭ ވަކީލެއްގެ އެހީވެސް އޭނާއަށް ބޭނުން ނުވާ ކަމަށެވެ.
"ޝާހިދަށް ދިން ހަމަލާއަކީ އަޅުގަނޑު ގަސްދުގައި ދިން ހަމަލާއެއް ނޫން،" ޝަރީއަތުގައި އޭނާ މިއަދު ބުންޏެވެ.
ކްރިމިނަލް ކޯޓްގައި މިއަދު އިސް ގާޒީ ޝަރީއަތް ފެއްޓެވުމާއެކު ދައުލަތުން ވަނީ ދައުވާ އިއްވާފަ އެވެ. މިއީ މި ދައުވާ ކްރިމިނަލް ކޯޓުގައި ފެށި ދެވަނަ ފަހަރެވެ. ކުރިން ދައުވާ ކުރުމަށް ފަހު ދައުލަތުން އަނބުރާ ގެންދިޔައީ އަލުން މުރާޖާ ކުރުމަށެވެ.
ދައުވާއަށް ޖަވާބު ދިނުމުގެ ފުރުސަތު، ފުރަގަހަށް ބިޑި އަޅުވާފައި އިން ނަޒާހާއަށް ދިނުމުން ބުނީ އޭނާ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އޭގެ ކުރިން މި މައްސަލައާ ގުޅިގެން ނަޒާހާގެ ދިފާއުގައި ވާހަކަ ދައްކާނެ ވަކީލެއް އައްޔަން ކޮށްފިންތޯ އިސް ގާޒީ ސުވާލު ކުރެއްވުމުން ނަޒާހާ ބުނީ ނުކުރާ ކަމަށާއި "ވަކީލެއް ބޭނުމެއް ނޫން" ކަމަށެވެ. މި މައްސަލައިގެ ބާވަތުން މިއީ ދައުލަތުން ވަކީލެއް ހަމަޖައްސައިދޭންޖެހޭ މައްސަލައެއް ކަމަށް އިސް ގާޒީ ވިދާޅުވުން ނަޒާހާ ބުނީ "ދައުލަތުން ދޭ ވަކީލެއް ވެސް ބޭނުން ނޫން" ކަމަށެވެ.
ނަޒާހާ ދައުވާއަށް އިންކާރުކޮށް ވަކީލެއް ބޭނުން ނޫން ކަމަށް ބުނުމުން އިސް ގާޒީ ވަނީ މި މައްސަލަ ސާބިތު ކުރުމަށް ހެކިން ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދެއްވާފަ އެވެ.
ދައުލަތުގެ ވަކީލުންގެ ޓީމުން މިއަދު ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނެނީ ދެމީހަކާއި ދެ ފުލުހަކާއި އަދި މި މައްސަލައާ ގުޅިގެން ޑީއޭން ތަހުލީލުތައް ކުރެއްވި ފަރާތެވެ.
އާންމު ދެމީހުންގެ ތެރެއިން އެކަކު ދައުލަތުން ހުށަހަޅާފައި ވަނީ ޝާހިދަށް ވަޅިން ހަމަލާ ދިން ދުވަހު އޭނާގެ ފަހަތުން އެގެއަށް ދިޔަ މީހެއް ކަމަށް ބުނެ އެވެ. ދައުލަތުން ބުނީ ޝާހިދު ހަޅޭއްލެވި އަޑު އިވިފައިވާ ކަމަށް ތަހުގީގުގައި އެ މީހާ ބުނެފައިވާ ކަމަށެވެ.
ދެވަނަ މީހާއަށް ޝާހިދު ބައިކަނޑިގެއިން ފައިބައިގެން ދިޔަތަން ފެނިފައިވާ ކަމަށާއި އޭރު ޝާހިދުގެ ބުރަކަށިން ލޭ ފައިބަމުންދާ ކަމަށް ބުންޏެވެ. އެމީހާއަކީ ނަޒާހާ އާއި ޝާހިދުގެ ރައްޓެއްސެއް ކަމަށް ވެސް ދައުލަތުން ބުންނެވެ. އަދި އޭނާ އެގެއަށް ދިޔައީ ނަޒާހާއަށް ހެދިކާ ހިފައިގެން ކަމަށް ވެސް ދައުލަތުން މިއަދު ބުންޏެވެ.
ދައުލަތުން ދެން ހުށަހެޅި ދެ ހެކިންނަކީ ފުލުހުންގެ ކޯޕްރަލަކާއި ކޮންސްޓަބަލެކެވެ. އޭގެ ތެރެއިން އެއް ފުލުހަކު ބުނެފައިވާ ކަމަށް ދައުލަތުން ބުނީ ނަޒާހާ 119 އަށް ގުޅައި ޝާހިދަށް ހަމަލާ ދިން ކަމަށް ބުނި ކަމަށެވެ. ދެވަނަ ފުލުސް މީހާ ބުނީ ނަޒާހާ 119 އަށް ގުޅުމުން ވެހިކަލްގައި އަތޮޅުވެއްސަށް ގެންދިޔައިރު ޝާހިދަށް ހަމަލާދިން ވަޅި އޮތްތަން ކިޔައިދީފައިވާ ކަމަށެވެ.
މި މައްސަލަ ސާބިތު ކުރުމަށްޓަމައި ދައުލަތުގެ ގާނޫނީ ޓީމުން ވަނީ ނަޒާހާ 119 އަށް ގުޅި ކޯލްގެ ރިކޯޑިން އާއި ތަހުގީގުގައި ވެފައިވާ އިއުތިރާފުގެ އޯޑިޔޯ ވެސް ޝަރީއަތަށް ހުށަހަޅާފަ އެވެ. މީގެ އިތުރުން ވަޅި ހެރި ހާދިސާ ހިނގި ބައިކަނޑިގޭގައި ހުރި ލެއިން ނެގި ޑީއެންއޭ ޓެސްޓް ރިޕޯޓް ހުށަހެޅުމަށް ފަހު އެ ތަހުލީލް ކުރި ފަރާތް ވެސް ހާޒިރުކޮށް ދިނުމަށް އެދުނެވެ.
ދާދި ފަހުން ގާނޫނު އަސާސީގެ 52 ވަނަ މާއްދާއަށް ރިޔާއަތްކޮށް ކްރިމިނަލް ކޯޓުން މަރަށް މަރުހިފަން ހުކުމް ކުރި މައްސަލައަށް އިޝާރާތް ކުރައްވައި ދައުލަތުން ބުނީ މި މައްސަލައިގައި ވެފައިވާ އިއުތިރާފައި ގަރީނާތަކަށް ބައްލަވައިގެން މައްސަލަ ނިންމަވައި ދެއްވުމަށެވެ.
ދައުލަތުގެ އެ ވާހަކަތަކަށް ފަހު އިސް ގާޒީ ނަޒާހާއަށް އިތުރު ފުރުސަތެއް ދެއްވުމުން ނަޒާހާ ބުނީ "އެއީ އޭނާ ގަސްދުގައި ދިން އުދުވާނީ ހަމަލައެއް ނޫން" ކަމަށެވެ.
"އެކަން ހިނގައި ދިޔަ ގޮތް އެއްވެސް އޮޅުވާލުމެއް ނެތި އަޅުގަނޑު ވަނީ 119 އަށް ގުޅައި ކިޔައިދީފައި. އެ ދުވަހު (ތަހުގީގު ކުރި ދުވަހު) އަޅުގަނޑު ހުރީ ނަފުސާނީ ގޮތުން ރަނގަޅު ހާލަތެއްގައެއް ނޫން. ބަޔާނުގައި ވާ ވާހަކަތަކަކީ އަޅުގަނޑު ކިޔައިދިން ވާހަކަތަކުގެ މާނަ އޮޅޭ ގޮތަށް ހުރި ވާހަކަތަކެއް، އަޅުގަނޑު ވާނީ ހުރިހާ ވާހަކައެއް ކިޔާދީފައި،"
ކުރީގެ ފިރިމީހާގެ ގަޔަށް ވަޅި ހަރައި މަރާލި ކަމަށް ބުނެ އުމުރުން 21 އަހަރުގެ ނަޒާހާ، ގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އޭނާގެ ކުރީގެ ފިރިމީހާ އަދި ދަރިފުޅުގެ ބައްޕަ ޝާހިދު ވަޅިއަކުން ހަމަލާ ދިނުމުން އޭނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާތީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގަ އެވެ.
ޝާހިދުގެ ގަޔަށް ވަޅި ހަރާފައި ވަނީ ޖޫން 22، 2010 ވަނަ ދުވަހު ދަރިފުޅު ގާތަށް ޒިޔާރަތްކޮށްގެން އުޅެނިކޮށް ބައިކަނޑިގޭގަ އެވެ. އުމުރުން 34 އަހަރުގެ ޝާހިދު މަރުވީ ބުރަކައްޓަށް ވަޅި ހެރިތާ ގަޑިއެއްހާއިރު ފަހުން އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
މިއަދުގެ ޝަރީއަތަށް ފަހު ކުށުގެ ތުހުމަތުގައި ތިބޭ މީހުންގެ ގޮނޑިބަރީގައި އިނދެގެން ނަޒާހާ ވަނީ ވަރަށް ބޮޑަށް ގިސްލައި، ރޮއެފަ އެވެ.