"ރިއަލް ފުރުޓް ޕަވާ ޖޫސް" ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ޖޫސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކުރީ ޖޫސް ޕެކެޓް ލޭބަލްކޮށްފައި ވަނީ ޖޫހުގެ މުއްދަތު ހަމަވާ ތާރީޚު އޮޅުން އަރާ ފަދަ ގޮތަކަށް ކަމަށް ވާތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނުރައްކަލެއް ދިމާވެދާނެ ކަމަށް ފެންނާތީ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.

އެމްއެފްޑީއޭ އިން ބުނީ ސްރީލަންކާގެ އުފެއްދުމެއް ކަމަށްވާ ރިއަލް ފުރުޓް ޖޫހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަން ހިނގާފައިވާ ގޮތް ބެލުމަށް ޖޫސް އުފައްދައި ފަރާތާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެކަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނާތީ ވަގުތީ ގޮތުން އެ ޖޫސް ވިއްކުން މަނާކުރީ ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ. އަދި ޖޫހުގެ ރައްކާތެރިކަން ކަށަވަރުވަންދެން އެއްވެސް ފަރާތަކުން އެ ޕްރޮޑަކްޓް ބޭނުންނުކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެ ޕްރޮޑަކްޓް ފިހާރަތަކުގައި ވިއްކަން ހުންނަ ނަމަ އެކަން އެ އޮތޯރިޓީ އަށް އެންގުމަށް ވެސް އެދެ އެވެ.