16 Apr 2014, 14:58
ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން މި ޒަމާނުގެ ދުނިޔެއަށާއި އިސްލާމީ އުއްމަތަށް ކުރިމަތި ވެފައި ވާ އެކިއެކި މައްސަލަތަކަށް ޙައްލު ލިބޭ ގޮތަށް ބަލައިލައި، އިލްމީ ގޮތުން ބަހުސް ކުރެވިފައި ވާ ފޮތެއް ޝާއިޢު ކޮށްފި އެވެ.
އިސްލާމީ ތާރީޚާއި ކީރިތި ރަސޫލާގެ ޙަޔާތްޕުޅާ ބެހޭގޮތުން ގިނަ އަދަދެއްގެ ފޮތްތަކެއް ޝާއިޢު ކުރައްވައިފައި ވާ، އަދި ދިވެހި ބަހުގެ އެންމެ ފުންނާބު އުސް ލިޔުންތެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން ތަސްނީފު ކުރެއްވި ފޮތުގެ ނަމަކީ "ނަބަވީ ސީރަތާއި މި ޒަމާނުގެ މައްސަލަތައް" މިއެވެ.
2013 ވަނަ އަހަރު ފާސް ކުރެވިފައި ވާ "ނަބަވީ ސީރަތާއި މި ޒަމާނުގެ މައްސަލަތައް" މި ފޮތުގައި 387 ޞަފުޙާ ހިމެނެއެވެ. ބާޒާރުގައި ފޮތެއްގެ އަގަކީ -/200 ރުފިޔާއެވެ.
"ނަބަވީ ސީރަތާއި މި ޒަމާނުގެ މައްސަލަތައް" މި ފޮތުގައި އަލި އަޅުވައިލެވިފައި ވާ މައުޟޫޢުތަކުގެ ތެރޭގައި މަޙުރޫމު ކުރެވި، އަނިޔާ ލިބެމުންދާ ބައިމަދު ޖަމާޢަތްތަކުގެ މައްސަލަތަކާއި، މާއްދީ ތަރައްޤީއާ ގުޅިގެން އުފެދޭ މައްސަލަތަކާއި، އިޤްތިޞާދީ ނަހަމަކަމާއި، އިންސާނީ ޞިއްޙަތަށް ކުރިމަތި ވެފައި ވާ އެކިއެކި މައްސަލަތަކާއި، ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއި، ނިރުބަވެރިކަމުގެ މައްސަލަ އާއި، ނުކުޅެދޭ މީހުންގެ މައްސަލަ އާއި، އަންހެނުންގެ ޙައްޤުތަކާއި، ޢަސްކަރީ އަޚްލާޤިއްޔާތުގެ މައްސަލަތަކަށް، ކީރިތި ރަސޫލާގެ ޙަޔާތްޕުޅާއި ސުންނަތުން ޙައްލުތަކާއި ހިދާޔަތު ލިބޭ ގޮތް ހިމެނެއެވެ.
ފޮތުގެ އިސްބަހުގައި މުޞައްނިފު ވިދާޅުވެފައި ވާ ގޮތުގައި، ފޮތުގައި ހިމެނޭ މަޒުމޫނުތަކަކީ އިންޑިއާ އާއި ޕާކިސްތާނުގެ ބައެއް ނޫސްމަޖައްލާތަކުގައި ޝާއިޢު ކުރެވުނު ދީނީ، ޢިލްމީ މަޒުމޫނުތަކެއް އަޞްލަކަށް ބެލިގެން އެކުލަވައިލެވުނު މަޒުމޫނުތަކެކެވެ. އޭގެ އިތުރުން އިސްލާމީ ދުނިޔޭގެ ނަންހުރި ބައެއް މުއައްރިޚުން ތަސްނީފު ކުރައްވައިފައި ވާ ސީރަތު ފޮތްތަކުން ވެސް ފޮތަށް މަޢުލޫމާތު ހޯދިފައި ވާ ކަމަށް މުޞައްނިފު ލިޔުއްވައިފައި ވެއެވެ.