16 Apr 2014, 14:49
މާލޭގައި ޓެކްސީ ހިދުމަތްހޯދުމަށް އާންމުނަށް ދިމާވި ދަތިތަކާއި ގުޅިގެން ބަލި މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ދިވެހި ރެޑް ކްރެސެންޓުން ވަގުތީ ގޮތުން އިއްޔެ ދޭން ފެށި ހިދުމަތް މިއަދު ހުއްޓާލައިފި އެވެ.
ޓެކްސީ ހިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާވީ، އަލަށް އަމަލުކުރަން ފަށާފައިވާ ޓެކްސީ ގަވައިދާ ދެކޮޅުހެދުމުގެ ގޮތުން ބައެއް ޓެކްސީ ޑްރައިވަރުން އިއްޔެ އިހްތިޖާޖަށް ނިކުތުމާއި ގުޅިގެންނެވެ.
ރެޑް ކްރެސެންޓުން މިއަދު ބުނީ، އެ ޖަމިއްޔާ އިން ދޭން ފެށި އިމަޖެންސީ އެމްބިއުލެންސްގެ ހިދުމަތް ދިނުން މިއަދު ހެނދުނުން ފެށިގެން ހުއްޓާލާފައިވަނީ މާލޭގެ ދަތުރުފަތުރުގެ ނިޒާމް އާއްމު ހާލަތަށް ރުޖޫއަ ވުމުން ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ، އެމްބިއުލެންސް ފަދަ ހިދުމަތެއް އެ ޖަމިއްޔާއިން ފޯރުކޮށްދިން މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ހަމަ އެހެންމެ އެ ޖަމިއްޔާ އިން ދިން ހިދުމަތް، އާންމުން ފުރިހަމައަށް ބަލައިގަތް ކަމަށްވެސް ރެޑްކްރެސެންޓުން ވަނީ ބުނެފަ އެވެ.