އަންނަ އަހަރުގެ ބަޖެޓަށް އިސްލާހު ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ކޮމިޓީން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ޖޮއިންޓް ކޮމިޓީން ،2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ދިރާސާކުރި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށް އެޖެންޑާކޮށްފައިވާ ކަމަށެވެ. އެއަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަޖެޓަށް ގެންނަން ޖެހޭ އިސްލާހު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށް ފަހު، ބަޖެޓް ރިޕޯޓަށް ބަހުސް ފެށުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. މީގެ އިތުރުން ބަޖެޓް ރިޕޯޓްގެ ބަހުސް ނިމިއްޖެ ނަމަ ބަޖެޓް ފާސްކުރުމަށް މާދަމާގެ ޖަލްސާގައި ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މައުލޫމާތު ދިނެވެ.


އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް ބަހުސް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔައިރު، ކުރިއަށް އޮތް އަހަރުތަކުގައި ރަށްރަށާއި އަތޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލު ބަޖެޓްގައި ހިމަނާފައި ނުވާތީ، އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެހެންކަމުން ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީގައި ކުރިއަށްގެންދިޔައިރު، ބަޖެޓްގައި ނުހިމެނިވާ ތަފްސީލުތައް ހޯދައިގެން އެ ތަފްސީލްތައް ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް އިދިކޮޅު ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ތަސްމީން އަލީ ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި، ލޯކަލް ކައުންސިލްތައް ހިންގުމަށް 600 މިލިޔަން ރުފިޔާ އާއި މަސްވެރިންނަށް ހިލޭ އެހީ އާއި ލޯނު ދިނުމަށް 100 މިލިޔަން ރުފިޔާގެ އިތުރުން ދަނޑުވެރިންނަށް 50 މިލިޔަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށެވެ. އަދި ގައުމީ ތަރައްގީގެ މަޝްރޫއެއް އެކުލަވާލައި އެ މަޝްރޫއު ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.