16 Apr 2014, 12:56
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް، އިސްމާއީލް އިޒްހާން ހަމަޖައްސައިފި އެވެ.
އެފްއޭއެމްގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން އެ އިދާރާގެ ޑައިރެކްޓަރު އޮފް ރެފްރީޒްގެ މަގާމުގައި ހުންނެވި، އިޒްހާން ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާފައިވަނީ، މިމަހުގެ ކުރީކޮޅު ކަމަށެވެ.
"އިޒްހާން މަސައްކަތް ކުރައްވާނީ، އެފްއޭއެމްގެ ލޯކަލް ބައިގައި. ދެން ނާބެ ބޮޑަށް ހަރަކާތްތެރިވާނީ، ބޭރާގުޅޭ އެކިއެކި ކަންކަމުގައި،" ސަން އަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.
އިޒްހާން ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސުމުން އެފްއޭއެމްގައި މިހާރު، ދެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީން ތިއްބަވާނެ އެވެ. ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ދެން ހުންނެވީ އެމަގާމަށް 2013 ވަނަ އަހަރުގެ އޯގަސްޓް މަހު ޖަމަޖެއްސި މުހައްމަދު ނާސިރު (ނާބެ) އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ، އިޒްހާން އަކީ، އެފްއޭއެމްގެ މިހާރުގެ ރައީސް އިލްހާމް އަހްމަދުގެ ކޮއްކޮއެކެވެ. އޭއެފްސީ ޕްރޮޖެކްޓް ފިއުޗާ ރެފްރީޒް 2007ގައި ބައިވެރިވެ އެ ކޯސް ފުރިހަމަ ކުރައްވާފައިވާ އިޒްހާން ވަނީ، ޖޭއެފްއޭ އިންޓަނޭޝަނަލް ރެފްރީޒް އިންސްޓްރަކްޓާ ކޯސް ވެސް ފުރިހަމަކުރައްވައިފަ އެވެ. އަދި ތައުލީމީ ދާއިރާގައި ޓީޗަރެއްގެ ގޮތުގައި އުޅުއްވި އިޒްހާން ވަނީ، ވީ މީޑިއާ އާއި ދިއެފްއެމްގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އިޒްހާން ހަމަޖެއްސި އިރު، އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހަމަޖެއްސި ހުސައިން ޝާހިދު ވަނީ، ވަކި ސަބަބެއް ވިދާޅުނުވެ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޝާހިދު ހަމަޖެއްސީ ކުރިން އެމަގާމުގައި ހުންނެވި، މުހައްމަދު ހާނިމް އިސްތިއުފާ ދެއްވުމުންނެވެ.