16 Apr 2014, 12:11
ދެކުނު ކޮރެއާގެ ބޯޓެއް އަޑިއަށް ގޮސް ފަސިންޖަރުންގެ ތެރެއިން ދެ މީހަކު މަރުވެ، 104 މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި އެ ގައުމުގައި އޮފިޝަލުން ބުނެފި އެވެ.
މިއަދު އެ ހާދިސާ ހިނގި ބޯޓުން ދަތުރުކުރި 474 ފަސިންޖަރުންގެ ތެރެއިން މިހާތަނަށް ސަލާމަތްކުރެވިފައި ވަނީ 368 މީހުންނެވެ. ބޯޓު އަޑިއަށް ދާން ފެށުމުން އެ ބޯޓުން ދަތުރުކުރި ގިނަ ފަސިންޖަރުންތަކެއް ކަނޑަށް ފުންމާލި ކަމަށް ރިޕޯޓްތަކުން ބުނާ އިރު، އެ ކަނޑަކީ ގަނޑު ފެން ހިމެނޭ ކަނޑެކެވެ.
ދެ ފަސިންޖަރުން މަރުވިކަން ކަށަވަރުވެފައިވާ އިރު، އެ ދެ ފަސިންޖަރުންގެ ތެރެއިން އެކަކީ ކިޔަވާ ކުއްޖަކަށްވީ އިރު، އަނެއް މީހަކީ އަންހެނެކެވެ. ފެރީއެއްގެ ގޮތުގައި ދަތުރުކުރާ މި ބޯޓުގައި ގިނައީ ސްކޫލް ދަރިވަރުންނެވެ. ފަސިންޖަރުން ސަލާމަތްކުރުން އަދިވެސް ކުރިއަށްދާ އިރު، އެ ހާދިސާ ހިނގި ސަބަބެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާގައި ސަލާމަތްވި ސްކޫލް ދަރިވަރެއް ސީއެންއެންއާ ވާހަކަ ދައްކަމުން ބުނީ، ބޯޓު އަޑިއަށް ދާން ފެށީ ބާރު އަޑުގަނޑެއް އިވުމަށް ފަހުގައި ކަމަށެވެ.
"ފުރަތަމަ އިވުނީ ބާރު އަޑުފައްގަނޑެއް، އެއަށް ފަހު އެ ހާދިސާ ހިނގަން ފެށީ. ބޯޓު އަޑިއަށް ދާން ފެށުމުން ސަލާމަތްވުމަށްޓަކައި އަހަރެން އަވަހަށް ކަނޑަށް ފުންމާލިން،" ސަލާމަތްވި ދަރިވަރު ލިމް ހިޔުންގް މިން ބުންޏެވެ. "ކަނޑަށް ފުންމާލި އިރު، އަހަރެންނަށް ހީވީ ގަނޑުވެގެންދާނެ ހެން. ނަމަވެސް ދިރިހުންނަށް ބޭނުންވި ވަރުން އަހަރެންނަށް ކެތްކުރަން މަޖުބޫރުވި،"
އަޑިއަށްދިޔަ 6800 ޓަނުގެ ބޯޓުން ދަތުރުކުރި ފަސިންޖަރުން ސަލާމަތްކުރާ ފަރާތްތަކުން އެ މަސައްކަތްކުރަނީ ކަނޑު މަގުންނާއި ވައިގެ މަގުންނެވެ.