ނ. ލަންދޫން ފުރައިގެން މާލެ އައި ދޯންޏަކާއި ރިސޯޓްތަކަށް މުދާ ސަޕްލައި ކުރާ ދޯންޏެއް ކާށިދޫ ކަނޑުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި ދެ ދޯންޏަށް ވެސް އެކި ވަރުގެ ގެއްލުން ވެއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ޅ. ނައިފަރު ކައިރިން، ކާށިދޫ ކަނޑުގައި ހިނގި ހާދިސާގައި ލަންދޫ ބޯޓުގެ ފެނުންމަތިން ހަތް މަޑޫގަނޑު އަދި ސަޕްލައި ކުރާ ދޯނިން ތިން މަޑޫގަނޑު ނެއްޓިފައިވާ ކަމަށެވެ.


ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ ލަންދޫ ބޯޓުގައި ކުޑަކުދިންނާއި އަންހެނުން ވެސް ތިބި ކަމަށާއި ނަމަވެސް އެ ދޯނި މާލެއައީ އެއްވެސް ބައެއްގެ އެހީތެރިކަމާ ނުލައި ކަމަށެވެ. އަދި ތިން މީހުންނާ އެކު ދަތުރު ކުރި ސަޕްލައި ދޯނި ވެސް އެކްސިޑެންޓަށް ފަހު ދަތުރުކުރީ އަމިއްލަ އަށް ކަމަށް ފުލުހުން ބުންޏެވެ. 


ލަންދޫ ދޯނިން ދަތުރު ކުރި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ ރޭގެ ހާދިސާއަކީ ވަރަށް ނުރައްކާތެރިކޮށް ދިމާވި ހާދިސާއެއް ކަމަށާއި ނަމަވެސް އެ މީހުން ސަލާމަތްވީ އެ ދޯނީގެ ކައްޕީގެ ހުޝިޔާރު ކަމުން ކަމަށެވެ.


"އެހެން ނޫން ނަމަ އެއީ މުޅި ދޯނީގެ މެދުން ބުރިވާ ވަރުގެ ހާދިސާއެއް. ކައްޕި އިންޖީނު ނިއްވާލައި ވަރަށް ބާރަށް ފަހަތަށް ޖެހިކަމުން ސަލާމަތްވީ،" އަހަރު ވެސް ނުވާ ތުއްތު ކުއްޖަކު ގޮވައިގެން ކުރި ދަތުރުގައި ދިމާވި ހާދިސާ އޭނާ ކިޔައިދިނެވެ.


އޭނާ ބުނީ އެކްސިޑެންޓަށް ފަހު ކޯސްޓްގާޑުގެ ލަފާގެ މަތިން އެއް ގަޑި އިރު ކަނޑުމަތީގައި މަޑުކޮށްގެން ތިބެން ޖެހުނު ކަމަށެވެ.


"ނަމަވެސް ފަހުން ބުނީ ބަނޑޮސްކައިރިއަށް އައިސް ގުޅުމަށް." ކޯސްޓް ގާޑުން ދިން ޖަވާބު އޭނާ ކިޔައިދިނެވެ.