ރާއްޖޭގެ ޖުޑީޝަރީ ހަރުދާނާ ކުރުމުގެ މަގްސަދުގައި ކޮމަންވެލްތުން އިސްނަގައިގެން ސެމިނާއެއް ފަށައިފި އެވެ.

ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުން ބައިވެރިވި މި ސެމިނާގައި މައުލޫމާތު ދެއްވަނީ ކޮމަންވެލްތުގެ ޖަޖާސް އެސޯސިއޭޝަނުގެ ލީގަލް އެޑްވައިޒަރު މާކް ގުތުރީ އާއި، ޑެޕިއުޓީ ޗީފް މެޖިސްޓްރޭޓް ރޭ ރިނައުޑޯ އަދި ޑިސްޓްރިކްޓް ޖަޖް ޝަމީމް ގުރޭޝީ އެވެ.

ސެޝަންތަކަކަށް ބަހާލައިގެން މިއަދު ހެނދުނު ނަސަންދުރަ ޕެލަސް ހޮޓެލްގައި ކުރިއަށް ގެންދިޔަ ސެމިނާގައި އެންމެ ފުރަތަމަ ސެޝަނެއްގެ ގޮތުގައި ކުރިއަށް ދިޔައީ ޖަޖާސް އެސޯސިއޭޝަންގެ ބައިވެރިންނާއި ބެހޭ މައުލޫމާތު ހިއްސާ ކުރުމާއި ރާއްޖޭގެ ކޯޓުތަކުން ބައިވެރިވި ބޭފުޅުންގެ މައުލޫމާތުތައް ދެނެގަތުމެވެ.

މި ސެމިނާގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ޗީފް މެޖިސްޓްރޭޓް ރޭ ރިނައުޑޯ ވިދާޅުވީ، އެ ބޭފުޅުން ސެމިނާގައި ބައިވެރިވީ ކޯޓުތައް ހިންގާނެ ގޮތް ކިޔައިދޭން ނޫން ކަމަށާއި، ސެމިނާގައި ބައިވެރިވީ ރާއްޖޭގެ ކޯޓުތަކުން ބައިވެރިވި ބޭފުޅުންގެ ވާހަކަތައް އަޑުއެހައި މަޝްވަރާކުރުމަށް ކަމަށެވެ.

"އަހަރެމެން ސެމިނާގައި ބައިވެރިވެ، ހިންގަނީ ކޯޓުތަކުގައި ތިޔަ ބައިވެރިން ކަންތައް ކުރާ ގޮތްތައް އޮޅުންފިލުވުމަށް. އަހަރެމެންނަށް ވާހަކަ ދެކެވިގެން ކަންތައްތަކެއް ދަސްވެ، ތަފާތު ގޮތްތަކަށް ކޯޓުތަކުގެ ކަންތައް ކުރިއަށް ގެންދެވިދާނެތޯ މަޝްވަރާކުރެވިދާނެ. އެކަމަކު ކޯޓުތަކުގެ ކަންތައްތައް ވަކި ގޮތަކަށް ކުރިއަށް ގެންދާށޭ ކިޔާފައި ބާރެއް ނާޅާނަން،" އޭނާ ވިދާޅުވި އެވެ.

ކޮމަންވެލުތުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން މައުލޫމާތުތައް ހިއްސާކުރެއްވި ބޭފުޅުން ކަންތައް ކުރެއްވި ގޮތްތަކާއި ދިމާވާ ގޮންޖެހުންތައް ވެސް މި ސެމިނާގައި ބައިވެރިންނާ ހިއްސާކޮށްފައި ވެއެވެ.