26 Dec 2010, 07:15
މ. އަތޮޅުގެ އަތޮޅު ކައުންސިލަށް ކުރިމަތިލެއްވެވި ބޭފުޅެއްގެ އެޕްލިކޭޝަން އިލެކްޝަންސް ކޮމިޝަނުން ބާތިލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާގެ އެޕްލިކޭޝަން ބަލައިގަނެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
މައްސަލަ ހައިކޯޓުން ބަލައި ނިމެންދެން އެ އަތޮޅު އަތޮޅު ކައުންސިލަށް ކުރިމަތިލީ މީހުންގެ ނަންތައް ތަރުތީބު ކުރުމުގެ ގުރުއަތުލުން ފަސް ކުރުމަށް ހައިކޯޓުން ކުރިން އަމުރު ނެރެފައިވާ މައްސަލައިގައި މިއަދު ހެނދުނު ހުކުމް އިއްވެވި އިރު ބުނެފައި ވަނީ މ. އަތޮޅު އަތޮޅު ކައުންސިލަށް ކުރިމަތިލި މ. މާކޯނި އަލީ ނިޝާންގެ ފޯމް ބަލައިގެނެ ސައްހަ ކަމުގެ ލިޔުން ދިނުމަށް ފަހު 48 ގަޑިއިރު ވީތާ ދެ ދުވަސް ފަހުން އެޕްލިކޭޝަން ބާތިލު ކަމަށް ކޮމިޝަނުން ނިންމެވި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ހައިކޯޓްގެ ފަނޑިޔާރުންނަށް ބުރަވެވުނު ކަމަށެވެ. އަލީ ނިޝާންގެ އެޕްލިކޭޝަން ބަލައިގަނެ އޭނާ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމަށާއި އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ.
މ. އަތޮޅު, އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި އަލީ ނިޝާންގެ ދައުވާގައި ބުނަނީ އޭނާ އަށެއް ޑިސެމްބަރުގައި ފޯމް ހުށަހެޅުމުން އެޕްލިކޭޝަން ފޯމް ބަލައިގަނެ އެ ފޯމް ސައްހަ ކަމަށް ލިޔުން ދެއްވާފައިވާ ކަމަށެވެ. އަދި ޝައްހަ ފޯމެއް ނޫން ނަމަ އެކަން އަންގަންޖެހޭ 48 ގަޑިއިރު ހަމަވެ ދެ ދުވަސްވީ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑް ކޮޕީއެއް ހުށަހަޅާފައިވާތީ، އޭނާގެ އެޕްލިކޭޝަން ބާތިލު ކޮށްފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ.
މި މައްސަލައިގައި އަލީ ނިޝާންގެ ފަރާތުން ހައިކޯޓްގައި ވަކާލާތުކޮށްފައި ވަނީ މަޝްހޫރު ގާނޫނީ ވަކީލު އަދި ފަހަކަށް އައިސް ދުސްތޫރީ ބޮޑެތި މައްސަލަތައް ކާމިޔާބު ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.