އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ފޮޓޯ ދިއެފްއެމް ޕްލަސްގެ "ފޮޓޯ ގޮޅި" އަށް އެކޮޅު ކޮޅުން އަރުވާތީ އެކަން ނުކުރުމަށް އިންޒާރު ދިނުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބުގެ ފޮޓޯ އެކޮޅު ކޮޅުން ފޮޓޯ ގޮޅިއަށް އަރުވައިފި އެވެ.

ދިއެފްއެމް ޕްލަސްގެ ފޮޓޯ ގޮޅިއަކީ، ޓީވީ ސްކްރީނުގެ ތިރިން ވައަތު ކަނަށް ފޮޓޯ އެރުވުމަށް ހާއްސަކޮށްފައިވާ ގޮޅިއެކެވެ. މި ގޮޅިއަށް އަރުވާ ފޮޓޯތައް އާންމުކޮށް އެކޮޅު ކޮޅުން އެރުވި ނަމަވެސް ހުރަހަށް ވެސް އަދި ފޮޓޯ އިންނަ ގޮތަށް ވެސް އަރުވަ އެވެ.

ފޮޓޯ ގޮޅިއަށް އަރުވާ ފޮޓޯތައް ބައެއް ފަހަރު ބަދަލުވަމުން ވެސް ދެ އެވެ. އެކަމަކު މިއަދު ހެނދުނުން ފެށިގެން އިނީ ހަމައެކަނި ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ޝަހީބުގެ ފޮޓޯ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ދިއެފްއެމް ޕްލަސް ހިންގާ ކުންފުނި މީޑިއާ ކޮމްޕެނީ އަށް އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ސްޓޭޝަނުން ފެބްރުއަރީ މަހުގެ ތެރޭގައި ގެނެސްދިން ކޮންޓެންޓެއްގައި އިލެކްޝަންސް ކޮމިޝަންގެ ތިން މެމްބަރެއްގެ ފޮޓޯ އެކޮޅު ކޮޅުން ގެނެސްދީފައިވާ ކަމަށެވެ.

ފޮޓޯ ގޮޅީގެ މައްސަލަ ކޮމިޝަނުން ބެލިއިރު އެކަންތައް އެ ސްޓޭޝަނުން ކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ފަދަ ގޮތަކަށް ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައިވެ އެވެ.

ދިއެފްއެމް ޕްލަސްގެ އެ އަމަލަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ އެއް ވަނަ ނަންބަރާ ހިލާފު އަމަލެއް ކަމަށް ކުރިން ވެސް ނިންމާފައިވާއިރު އެކަމަށް އެއްވެސް އިސްލާހެއް އައިސްފައިނުވާ ކަމަށާއި އެކަންތައް އެ ސްޓޭޝަނުން ތަކުރާރުކުރަމުން ގެންދާކަން ފާހަގަކޮށް އެފަދަ ކަމެއް ދެން ތަކުރާރުކޮށްފި ނަމަ ހަރުކަށި ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރު އެކޮމިޝަނުން ވަނީ އިއްޔެ ސްޓޭޝަނަށް ދީފަ އެވެ.

ޝަހީބުގެ ފޮޓޯ އެކޮޅުކޮޅުން އެރުވި މައްސަލައާ ގުޅޭ ގޮތުން ޝަހީބުގެ ކޮމެންޓެއް ހޯދަން ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކޮމެންޓެއް ލިބޭ ގޮތް ނުވެފަ އެވެ.