16 Apr 2014, 09:09
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސާކަސް ޝޯތައް ހުށަަހަޅައިދެމުން އަންނަ މަޝްހޫރު ގްރޫޕެއް ކަމަށްވާ، "ދަ މެޖިކް ސާކަސް އޮފް ސަމޯއާ" ގްރޫޕް ގެ ސާކަސް ޝޯތަކެއް ރާއްޖޭގައި ބޭއްވުމަށް ތިންކް އެޑްވަޓައިޒްމަންޓުން ނިންމައިފި އެވެ.
ތިންކުން ބުނީ އެ ގްރޫޕްގެ ޝޯތައް މާލޭގައި އެއް މަސް ދުވަސް ވަންދެން ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ގްރޫޕުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައިވެސް ޝޯ ތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މާލޭގެ ޝޯތައް އަންނަ ހުކުރު ދުވަހުން ފެށިގެން މެއި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ކާނިވާ ސަރަހައްދުގައި ކުރިއަށް ދާނެ. އަދި އެ ގްރޫޕުން އަތޮޅު ތެރޭގެ ފަސް ރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި،"ތިންކުން ބުންޏެވެ.
އެގޮތުން އެ ގްރޫޕުން ޝޯ ތައް ހުށަހަޅައި ދިނުމަށްޓަކައި ލ. ފޮނަދޫ، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ގއ. ވިލިނގިލީ ގައި ދެ ދުވަހު މަޑުކުރާނެ ކަމަށާއި އަދި އައްޑޫ ސިޓީ ގައި ހަތަރު ދުވަހު މަޑުކުރާނެ ކަމަށްވެސް ތިންކުން ބުންޏެވެ. އަދި އެނބުރި މާލެ އައުމުގެ ކުރިން ހދ. ކުޅުދުއްފުށީގައި ވެސް ޝޯއެއް ބޭއްވުމަށް ރާވަމުންދާ ކަމަށްވެސް ތިންކުން ބުންޏެވެ.
ތިންކުން ބުނީ އެ ގްރޫޕްގެ ޝޯތައް މާލޭގައި ހަވީރު އަދި ރޭގަނޑު ވެސް ބާއްވާއިރު، ހަވީރު ޝޯތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4:00 އިން 1 ގަޑި އިރާއި 30 މިނެޓު ވަންދެން ކަމަށެވެ.
އެގޮތުން ހަވީރު ޝޯތަކުގެ ޓިކެޓް ކުޑަކުއްޖަކަށް 85 ރުފިޔާ އަށް ވިއްކާއިރު ބޮޑު މީހަކަށް ޓިކެޓް ވިއްކާނީ 110 ރުފިޔާ އަށެވެ. އަދި ވީއައިޕީ ޓިކެޓް ވިއްކާނީ 140 ރުފިޔާ އަށެވެ.
ރޭގަނޑު ބާއްވާ ޝޯތައް އާދީއްތަ ދުވަހު ނޫން ކޮންމެ ރެއެއްގެ ވެސް 8:00 އިން 2 ގަޑިއިރާއި 30 މިނެޓަށް ދިގު ދެމިގެންދާއިރު، އެ ޝޯތަކުގެ ޓިކެޓް ކުޑަކުއްޖަކަށް ވިއްކަނީ 130 ރުފިޔާ އަށެވެ. އަދި ބޮޑު މީހަކަށް 160 ރުފިޔާއަށް ވިއްކާއިރު ވީއައިޕީ ޓިކެޓް އުޅެނީ 210 ރުފިޔާ އަށެވެ.
ތިންކުން ބުނީ ކުޑަކުއްޖެއްގެ ގޮތުގައި ބެލެވޭނީ، ދެ އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިން ކަމަށާއި ބޮޑު މީހެއްގެ ގޮތުގައި ބެލެވޭނީ 12 އަހަރުން މަތި ވުމުން ކަމަށެވެ. އަދި ޓިކެޓްތައް މިއަދު ފެށިގެން ކާނިވާ ސަރަހައްދުން ގަންނަން ލިބެން ހުންނާނެ ކަމަށްވެސް ތިންކުން ބުންޏެވެ.
ޝޯގައި ތަފާތު ސްޓަންޓްތަކާއި ޖިމްނާސްޓިކާއި އެކްރޮބެޓްސް އަދި އަލިފާނުގެ ކުޅިވަރުތައް ފެނިގެންދާއިރު ސާކަސް ކުރިއަށްދާ ޓެންޓަށް އެއްފަހަރާ 600 މީހުންނަށް ވަދެވޭނެ ކަމަށްވެސް ތިންކުން ބުންޏެވެ.
ދަ މެޖިކް ސާކަސް އޮފް ސަމޯއާ އިން ރާއްޖޭގައި ބާއްވާ އެ ސާކަސްގެ މެއިން ސްޕޮންސާއަކީ އެސްޓޯ އެވެ. ކޯ ސްޕޮންސަރަކަށް އެލިޔާ އިން ރާއްޖެ އެތެރެކުރާ ޔަމަހާ ބްރޭންޑް ހަމަޖެހިފައިވާއިރު، ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި ލޯކަލް ގްރޯސް ޕާޓްނަރަކަށް އަގޯރާ ހަމަޖައްސާފައިވާއިރު އޮންލައިން އަދި ޕްރިންޓް މީޑިއާ ޕާޓްނަރަކީ ހަވީރު އެވެ.