15 Apr 2014, 20:43
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބާއްވަމުން ގެންދާ "މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ" ފެއާގެ މިއަހަރުގެ މެއިން ސްޕޮންސަރަކަށް އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފި އެވެ.
ވޭތުވެދިޔަ ދެ އަހަރު ވެސް ތިންކް އެޑްވަޓައިޒިން އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސްފައިވާ އެ ފެއާ މިމަހުގެ 27 އިން 29 އަށް ދަރުބާރުގޭގައި ބޭއްވުމަށް ނިންމާފައިވާއިރު، އެ ފެއާގެ މެއިން ސޮޕްންސަރަކަށް އެލިއާ ކޮންސްޓްރަކްޝަން ހަމަޖައްސައި، މިއަދު ވަނީ އެ ފެއާގެ ޕާޓްނަރުންވެސް ހަމަޖައްސާފަ އެވެ.
އެގޮތުން މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ މިއަހަރުގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު، އޮންލައިން އަދި ޕްރިންޓް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަވީރު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރެއްގެ ގޮތުގައި ޕްރެންޒާ ޕްރިންޓާސް އެންޑް ޕަބްލިޝާޒް ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން، ފޮޓޯ ގްރަފީ ޕާޓްނަރެއްގެ ގޮތުގައި ރޭމޮން ފޮޓޯގްރަފީ، ސައުންޑް އެންޑް ލައިޓްސް ޕާޓްނަރެއްގެ ގޮތުގައި ހަބް ސައުންޑް އެންޑް ލައިޓްސް އަދި އެއާލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން ހަމަޖައްސާފައިވާއިރު، ކޭޓަރިންގް ޕާޓްނަރެއްގެ ގޮތުގައި ބްލޫބޭ އަދި ރެފެލް ޕާޓްނަރެއްގެ ގޮތުގައި ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވަނީ ހަމަޖައްސާފަ އެވެ.
ތިންކް އިން ބުނީ، މިއަހަރުގެ ފެއާގައި 60 ސްޓޯލް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި 40 ފަރާތަކުން ފެއާގައި ބައިވެރިވާނެ ކަމަށެވެ. އަދި ރާއްޖޭން ބޭރުގެ ބައެއް ކުންފުނިތަކުން ވެސް މިއަހަރުގެ ފެއާގައި ބައިވެރިވާނެ ކަމަށް ތިންކުން މައުލޫމާތު ދެ އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ފެއާގައި ވެސް، ކޮންސްޓްރަކްޝަން ކުންފުނިތަކާއި އިމާރާތް ކުރުމުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނާއި ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ އިތުރުން އާކިޓެކްޗާ އާއި ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ އަދި އިންޖިނިއަރިންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބައިވެރިވާނެ ކަމަށް ތިންކުން ބުންޏެވެ.
މީގެ އިތުރުން، ހާޑްވެއާ ސާމާނާއި ކުލަ އަދި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ފައިނޭންސް އަދި އިންޝުއަރެންސްގެ އިތުރުން އައިޓީ އާއި ސެކިއުރިޓީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ވެސް ފެއާގެ ތެރެއިން ފެނިގެންދާނެ ކަމަށް ތިންކުން ބުންޏެވެ.
ތިންކުން ބުނީ، މިއަހަރުގެ ފެއާގައި އެސްޓީއޯގެ ފަރާތުން ބާއްވަ ހިޓާޗީގެ އީކޯ ޕްރޮޑަކްޓްސް ދައްކުވައިދޭ މައުރަޒެއް ވެސް ފެނިގެންދާނެ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއިން ރާއްޖެއަށް އަލަށް ތައާރަފް ކުރެވޭ ތަކެތި ލޯންޗު ކުރުމުގެ ރަސްމިއްޔާތުތައް ދަރުބާރުގޭގެ ހިރިޔާ މަލަމުގައި ކުރިއަށްދާނެ ކަމަށްވެސް ތިންކުން ބުންޏެވެ.
މަސީ ގެ ކޮންސްޓްރަކްޝަން ފެއާ ތިންކް އެޑްވަޓައިޒިންގްއާ ހަވާލުކޮށްފައިވަނީ މިދިޔަ 2011 ވަނަ އަހަރު އެވެ. ތިންކް އާއި އެއްކޮށް މަސީ އިން ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.