ލ. ގަމު ތުނޑީ އަވަށުގައި ބިދޭސީއަކާ ދިވެއްސަކު ހިންގި މާރާމާރީއެއްގައި ކަތިވަޅިއަކުން ހަމަލާ ދީ ދިވެހި މީހާގެ އަތް ވަރަށް ބޮޑަށް ޒަހަމުކޮށްލައިފި އެވެ.


ފުލުހުން މިއަދު ބުނީ ގަމު ތުނޑީ އަވަށުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވީ މީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނަ ކަމަށާއި އެ ހާދިސާއާ ގުޅިގެން ބަންގަދޭޝް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހިނގި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.


ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ގަމުގައި ދިރިއުޅޭ އެ އަތޮޅު ކަޅައިދޫ މީހާއަށް، ބަންގާޅު މީހާ ހަމަލާ ދިނީ، ބަންގާޅު މީހާ ގަމުގެ ބަނދަރުމަތީގައި ކުރުނބާ ވިއްކަން ގެންގުޅޭ ގަޑިޔާލުގައި ދަންވަރު ނިދާފައި އޮއްވައި ދިވެހި މީހާ ގޮސް އޭނާއަށް އުނދަގޫކޮށް ގޯނާ ކުރުމުގެ ސަބަބުން ހިނގި މާރާމާރީއެއްގަ އެވެ.


"ބައެއް މީހުން ބުނޭ ބަންގާޅު މީހާ ނިދާފައި އޮއްވައި ގާޑިޔަލުން ވައްކަން ކުރަނިކޮށް ހޭލެވިގެން ދެމީހުންގެ މެދު މާރާމާރީ ހިނގީ ކަމަށް. އޭގެ ހަގީގަތެއް ނޭނގޭ. އެނގެނީ ދެމީހުން ތަޅައިގެނެ ކަތިވަޅިން ހަމަލާ ދިންކަން،" ގަމުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.


ލ. ގަމު އޮފީހުން ބުނީ އެ ހާދިސާގެ މައުލޫމާތު ރަނގަޅަށް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.


ލ. ގަމުގެ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޝާކިރު ވިދާޅުވީ ބިދޭސީއަކު ކުރުނބާ ވިއްކާ ގާޑިޔަލަކަށް މެންދަމު ވަގުތު ދިޔަ ދިވެއްސަކާއި ބިދޭސީ މީހާއާ ދެމެދު މަރާމާރީ ހިނގައި ދެމީހުންނަށް ޒަހަމްތައް ލިބިގެން އެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ.


ޝާކިރު ވިދާޅުވީ ތޫނު އެއްޗަކުން ޖެހުމުގެ ސަބަބުން ދިވެހި މީހާގެ ކަނާތުގެ ކުޑަހުޅު ވަރަށް ބޮޑަށް ޒަހަމުވެފައިވާ ކަމަށެވެ.


"އަތުގެ ކުޑަ ހުޅުމަތީގައި ތޫނު އެއްޗަކުން ޖެހުމުން އެއްކޮށްކަހަލަ ގޮތަކަށް ކަފައިގެން ގޮސް ކަށިގަނޑު ވެސް އޮތީ ބިނދިފައި،" ޝާކިރު ވިދާޅުވި އެވެ. "އަތުން ބުރި ނުވެ އޮތީ ވަރަށް ކުޑަ މިންވަރެއް. އަތުގެ މައި ނާރުވެސް ވަނީ ބުރިވެފައި، އޭނާއަށް އިތުރު ފަރުވާ ނުދެވިގެން އޭގެ އަނެއް ދުވަހު ވަނީ މާލެއަށް ފޮނުވާލާފައި،" ޝާކިރު ވިދާޅުވި އެވެ.


ޝާކިރު އަދި ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ބިދޭސީ މީހާ އަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށާއި އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.