މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިޖހާބުގައި ވާދަކުރި ކެންޑިޑޭޓުން ކެމްޕޭނަށް ހަރަދުކުރި ގޮތުގެ ތަފްސީލް ރިޕޯޓް އަަންނަ ހޯމަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން އަންގައިފި އެވެ.

އިންތިހާބާ ބެހޭ މާލީ ކަންކަމުގެ މައުލޫމާތަކީ އިންތިހާބާއި ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ މައުލޫމާތެކެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އާންމު އިއުލާނެއްގައި ބުނެފައި ވަނީ އިންތިހާބާ ބެހޭ މާލީ ހަރަދުތަކުގެ ތަފްސީލު މި މަހު 22 ވަނަ ދުވަހުގެ ހަވީރު 4:00 ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތާއި އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ އާއި ތަކެތި ދިން ފަރާތުގެ އިތުރުން ދިން މިންވަރު ހިމެނޭ ތަފްސީލީ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.

ހަމަ އެހެންމެ އިންތިހާބަށް ކެންޑިޑޭޓް ކޮށްފައިވާ ހަރަދުތަކާއި ސަޕޯޓް ހޯދުމަށް ކެންޑިޑޭޓް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ވަކިވަކިން އެ ރިޕޯޓްގައި ހިމަނަން ޖެހެ އެވެ. އޭގެ އިތުރުން ބޭންކް ސްޓޭޓްމެންޓް އެ ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.
ކޮންމެ ކެންޑިޑޭޓަކު ވެސް އިންތިހާބާއި ގުޅޭ މާލީ މާއުލޫމާތު ހިމެނޭ ރިޕޯޓެއް އިންތިހާބު ބާއްވާތާ 30 ދުވަސްތެރޭގައި ހުށަހަޅަން ޖެހެ އެވެ.