26 Dec 2010, 05:35
ޑިސެމްބަރު 26 2004ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ހާދިސާ އަށް ހަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މަގުމައްޗަށް ނިކުމެ ސުކޫތެއް ގެނެސްފި އެވެ.
އެމްއެންޑީއެފް އާއި ޑިސާސްޓާ މެނޭޖްމަންޓު ގުޅިގެން މިއަދު ހެދުނު 9:20ގައި ޖެހި ރަނގަބީލުގެ އަޑާއެކު އެމީހަކު ހުރި އިމާރާތަކުން މަގުމައްޗަށް ނުކުމެ ސުނާމީ ހާދިސާގެ ހަނދާންއާކޮށް އެއް މިނެޓްގެ ހަމަ ހިމޭންކަމެއްގައި ބައިވެރިވުމަށް އިވެންޓް އިންތިޒާމް ކުރި ސަރުކާރުގެ ފަރާތްތަކުން ބުންޏެވެ.
އަދި އެ ހަރަކާތުގައި ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ބައެއް އާންމު ރައްޔިތުން ބައިވެރިވި އެވެ.
ރާއްޖޭގައި 82 މީހުން މަރުވި އަދި 26 މީހުން ގެއްލުނު ސުނާމީ އަށް ހަ އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އެއް މިނިޓްގެ ސުކޫތުގައި ސަރުކާރުގެ އޮފީސްތައް ފިޔަވައި މާލެއިން މާ ގިނަ އާންމުންގެ ބަޔަކު މަގުމައްޗަށް ނުކުތްތަނެއް ނުފެނުނެވެ.
ދިވެހި ރެޑްކުރޮސެންޓާއި މަދަނީ ބައެއް ޖަމްއިއްޔާތައް ގުޅިގެން އިއްޔެ ހަވީރުން ފެށިގެން ރޭ 12:00 އަށް ވަނީ ކުޑަކުދިންގެ ހަވީރަކާއި މިޔުޒިކީ ހަރަކާތްތަކެއް ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންގޮސްފަ އެވެ. އަދި ޝުއޫރު ފާޅުކުރުމަށްޓަކައި އެ ސަރަހައްދުގައި ބެހެއްޓިފައިވާ "ވޯލް އޮފް ރިމެންބަރެންސްގައި" ބަޔަކު ސުނާމީގެ ދުވަހުގެ ޝުއޫރުތައް ލިޔުނެވެ.