އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް އިސްތިހާރު ކުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބިލްބޯޑްތަކެއް ހަރުކުރުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް "ސަން" އަށް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މުބާރާތަކަށް ޗެލެންޖް ކަޕް ވުމުން، މުބާރާތް އިސްތިހާރު ކުރުމަށް މިނިސްޓްރީން އަވަދިނެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ޗެލެންޖް ކަޕާ ބެހޭ ތަފާތު ބިލްބޯޑްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މުބާރާތް އިސްތިހާރު ކުރުމަށް ބިލްބޯޑްތަކެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފަށާނަން. އެކަން ކުރުމަށް މިނިސްޓްރީން މިހާރު ދަނީ ރަށްރަށުގެ ކައުންސިލާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެވެމުން،'" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޗެލެންޖް ކަޕް އިސްތިހާރު ކުރުމަށް ގައުމީ އެއާލައިން "މޯލިވިއަން"ގެ ފްލައިޓްތައް ވެސް ބޭނުންކުރަން ނިންމާފައިވާ ކަމަށާއި މާދަމާ އެކަން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިފަހަރުގެ ޗެލެންޖް ކަޕް އިސްތިހާރުކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން މިމުބާރާތް ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ޕާސްޕޯޓުތަކުގައި ޗެލެންޖް ކަޕް ރަމްޒުކޮށްދޭ ތައްގަނޑެއް ވެސް އިމިގްރޭޝަނުން މިހާރު ވަނީ ޖަހަން ފަށައިފައެވެ.

މިފަހަރުގެ ޗެލެންޖު ކަޕް ހުޅުވާ މެޗުގައި، މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

މުބާރަތުގައި ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2004 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.