15 Apr 2014, 16:36
ޓެކްސީތަކުގެ މައްސަލަ ހައްލުކުރެވެންދެން ބަލިމީހުން ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި ދިވެހި ރެޑްކެރެސެންޓުން ވަގުތީ ގޮތުން އެމްބިއުލަންސްގެ ހިދުމަތް ދިނުމަށް ނިންމައި މިއަދު އެ ހިދުމަތް ދޭން ފަށައިފިއެވެ.
އެކަމާ ގުޅިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރެޑްކްރެސެންޓްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ފުއާދު ވިދާޅުވީ، ޓެކްސީތަކުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ޓެކްސީ ޑްރައިވަރުން މުޒާހަރާކުރަމުން ދާތީ ޓެކްސީގެ ހިދުމަތް ހޯދުމަށް އާންމުންނަށް ދަތިވެފައި ވާކަމަށާއި އޭގެ ސަބަބުން ހޮސްޕިޓަލަށް ބަލިމީހުން ގެންދިޔުމަށްވެސް ބައެއް ދަތިތަކާ ކުރިމަތިވެފައި ވާކަމަށެވެ.
ރެޑްކްރެސެންޓްގެ ޕްރޮގްރާމް މެނޭޖަރު ހައިފާ އަހްމަދު ވިދާޅުވީ، ޓެކްސީގެ މައްސަލައަށް ހައްލެއް އަންނަންދެން އެ ޖަމިއްޔާއިން އެމްބިއުލަންސްގެ ހިދުމަތް ދޭނެ ކަމަށެވެ. ޚިދުމަތް ހޯދުމަށް، ރެޑްކްރެސެންޓުން ކަނޑައަޅާފައިވާ ނަންބަރު 7917009 އަށް ގުޅާލުމުން ހިދުމަތް ލިބިވަޑައިގަންނަވާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މި ހިދުމަތް ހޯއްދެވުމަށް ގުޅުއްވާ ފަރާތްތަކުން އެ ގުޅުއްވަނީ ކޮންބޭފުޅެއް ކަމާއި އެ ބޭފުޅަކަށް ގުޅޭނެ ނަންބަރަކާއި ގޭގެ ނަމުގެ އިތުރުން ބަލިމީހާގެ ހާލަތު ސާފުކޮށް ބަޔާންކޮށްދެއްވަން ޖެހޭނެ ކަމަށްވެސް ހައިފާ ވިދާޅުވިއެވެ.
ދިވެހި ރެޑްކްރެސެންޓުން ބުނީ، މިއީ ހިލޭ ފޯރުކޮށްދޭ ހިދުމަތެއް ކަމަށާއި، އަދި މިފަދަ ދަނޑިވަޅެއްގައި ދިމާވަމުންދާ ދަތިތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަމައެކަނި ބަލިމީހުންނަށް ހާއްސަ ހިދުމަތެއް ކަމަށެވެ. އަދި މިއީ އެފަދަ ހިދުމަތެއް ރެޑްކްރެސެންޓުން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަމުން ދިމާވެދާނެ ދަތިތަކަށް ކެތްތެރިވުމަށާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ވީހާވެސް ތަފްސީލުވުމަށް ރެޑްކްރެސެންޓުން އެދެއެވެ.