ހުޅަނގު ފްރާންސްގެ މަދަރުސާއެއްގައި އަންހެން ކުއްޖަކު ރޭޕް ކުރި ހާދިސާއާ ގުޅިގެން، އެކަން ކުރި މީހާ ހޯދުމަށް ޓަކައި، މަދަރުސާގައި އެ ހާދިސާ ހިނގި ވަގުތު ތިބި ހުރިހާ ފިރިހެން ދަރިވަރުންނާއި ޓީޗަރުންގެ ޑީއެންއޭ ޓެސްޓް ހައްދާން ފަރަންސޭސި އޮފިޝަލުން ނިންމައިފިއެވެ.

އުމުރުން 16 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރެވިފައި ވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެ ހާދިސާ ހިނގީ އެޓްލާންޓިކް އައްސޭރި ޝަހަރެއް ކަމަށް ވާ ލަ ރޮޝޭލްގެ، ކްރިސްޓިއަން ކެތަލިކް ތަޢުލީމު ދޭ އަމިއްލަ މަދަރުސާއެއް ކަމަށް ވާ ފެނެލޮން ނޮޓްރަ-ޑާމްގެ ފާޚާނާއެއްގެ ތެރޭގައެވެ.

އަންހެން ކުއްޖާ ރޭޕް ކުރި މީހަކު ހޯދުމުގައި ހަ މަސް ދުވަހު މަސައްކަތް ކޮށްގެން ވެސް ފުލުހުންނަށް ކާމިޔާބު ނުލިބުމާ ގުޅިގެން، ލަ ރޮޝޭލްގެ ޕަބްލިކް ޕްރޮސެކިއުޓަރ އިޒަބެއްލާ ޕެޖެނެލް ނިންމެވީ އެތައް ސަތޭކަ ބައެއްގެ ޑީއެންއޭ ސާންޕަލު ނަގައި "އަތްފުނާ އަޅައިގެން" ނަމަވެސް ކުށްވެރިއާ ހޯދުމަށެވެ.

ޕްރޮސެކިއުޓަރުގެ ނިންމެވުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ ހާދިސާ ހިނގި ވަގުތު މަދަރުސާގައި ތިބި ހުރިހާ ފިރިހެނުންގެ ޑީއެންއޭ ޓެސްޓް ކުރާން ފަށައިފައެވެ. ޓެސްޓް ކުރަނީ ކުޅު ނަގައިގެންނެވެ. އެގޮތުން 475 ދަރިވަރުންނާއި، 31 މުދައްރިސުންނާއި، 21 އިދާރީ މުއައްޒަފުންގެ ޑީއެންއޭ ޓެސްޓް ކުރުމުގައި އިއްޔެއިއްސުރެ ފުލުހުންގެ ދެ ތަޖުރިބާކާރަކު ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ފުރިހަމަ ކުރެވޭނީ މި ހަފުތާގެ ބުދަ ދުވަހު ކަމަށާއި، ނަތީޖާ ލިބޭ ވަރު ވާނީ މަހެއްހައި ދުވަސް ފަހުން ކަމަށް ފުލުހުން ބުނެއެވެ.

"ޑީއެންއޭ ސާންޕަލް ނެގުމުގެ މަސައްކަތް ފެށިފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 8 ޖެހި އިރު." މަދަރުސާގެ ފަރާތުން ވާހަކަ ދެއްކެވި އޭން ސޯފީ ގިލްބޮޓް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ކުރެވެމުން ދަނީ ވަރަށް އޮމާން މާހައުލެއްގައެވެ.

އަންހެން ކުއްޖާއަށް ހަމަލާ ދެވުނު ވަގުތު، އެތަން އޮތީ އަނދިރިކޮށް ކަމަށް ވުމުން، ހަމަލާ ދިނީ ކާކުކަން އެ ކުއްޖާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާގެ ހެދުމުން، ހަމަލަ ދިން މީހާގެ ޑީއެންއޭ ސާންޕަލް ފެނިފައި ވެއެވެ.