15 Apr 2014, 15:24
މިހާރު ކުރިއަށްދާ މަކީޓާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޖަމާލުއްދީން ސްކޫލް ކަށަވަރު ކޮށްފި އެވެ.
ޖަމާލުއްދީން ސެމީއިން ޖާގައެއް ކަށަވަރު ކުރީ ރޭ ޓާފްދަނޑުގައި ލާލޭ އިންޓަނޭޝަނަލް ސްކޫލް 13-0 ލަނޑުން ބަލިކުރުމަށް ފަހު އެވެ.
ރޭގެ މެޗުގައި ލާލޭ ކޮޅަށް ޖަމާލުއްދީން ސްކޫލްގެ އިބްރާހިމް ލޫތު ވަނީ ދެ ހެޓްރިކް ހަދާފައެވެ. އަދި އެސްކޫލްގެ އަހުމަދު ސާބިން ލާލޭ ކޮޅަށް ހެޓްރިކެއް އެދި އިރު، ހަސަން އާދިލް ވަނީ މެޗުގައި ލާލޭ ކޮޅަށް ހަތަރު ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މި ގްރޫޕުން ސެމީ ފައިނަލަށް ދަތުރު ކުރާނެ ދެ ވަނަ ޓީމެއް ކަށަވަރު ވާނީ މާދަމާރޭ 9:00ގައި މަޖީދިއްޔާ ސްކޫލާއި މުހިއްދީން ސްކޫލް ކުޅޭ މެޗަށް ފަހުއެވެ.
މިމުބާރާތުގެ ގްރޫޕް އޭ ފަޅިން ދަރުމަވަންތަ ސްކޫލާއި ކަލާފާނު ސްކޫލް ވަނީ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފަ އެވެ. މި ގްރޫޕްގެ އެއްވަނަ އާއި ދެވަނަ ކަށަވަރުވާނީ މިރޭ 8:00ގައި ދަރުމަވަންތަ އާއި ކަލާފާނު ބައްދަލުކުރާ މެޗުންނެވެ. ކަލާފާނު އަދި ދަރުމަވަންތަ ސްކޫލުގެ އިތުރުން ގްރޫޕް އޭގައި ދެން ހިމެނެނީ ބިލަބޮންގް ހައި ސްކޫލާއި އިސްކަންދަރު ސްކޫލު އަދި އިމާދުއްދީން ސްކޫލެވެ.
ފަނަރަ އަހަރުން ދަށުގެ ސެމީ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 19 އަދި 21 ވަނަ ދުވަހު އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ދެ ގްރޫޕުގެ އެއް ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގަ ލިބޭނެ އެވެ. އަދި ބަލިވާ ޓީމެއް ޖެހޭނީ، ދެ ވަނަ ސެމީގައި ދެ ގްރޫޕުގެ ދެ ވަނަ ޓީމު ކުޅެ މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީ ކުޅޭށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ، ތިންވަ ސެމީން މޮޅުވާ ޓީމަކަށެވެ.
މަކިޓާ އިންޓަސްކޫލް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު އެވެ.