15 Apr 2014, 15:14
ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލާފައިވާ ޓެކްސީ ދުއްވުމާ ބެހޭ އައު ގަވައިދުގެ ދަށުން ޓެކްސީތަކުގައި " ދިއްލޭ ބޯޑު" ހަރުކުރުމަށް ކާރުގައި ލޯވަޅު ނުތޮރުފައި ވެސް އެ ބޯޑް ހަރުކުރެވިދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓެކްސީތަކާއިބެހޭ އައު ގަވައިދުގައިވާ ގޮތުން، ދަތުރުކުރަމުންދާ ޓެކްސީއަކީ ހުސްކާރެއްކަން ނުވަތަ ދަތުރެއްގައިދާ ކާރެއްކަން އަންގަދިނުމަށް ޓެކްސީގެ މަތީގައި ދިއްލޭ ބޯޑެއް ހަރުކޮށްފައި ހުންނަން ޖެހެ އެވެ. ނަމަވެސް އެ ބޯޑު ހަރުކުރުމަށް ކާރުގެ މަތިން ތޮރުފަން ޖެހޭ ކަމަށްބުނެ ބައެއް ޓެކްސީ ޑްރައިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުބައިރު ވިދާޅުވީ، ޓެކްސީ ތަކުގައި ހަރުކުރަން ޖެހެނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ބޯޑުތަކެއް ކަމަށާއި އެ ބޯޑު ހަރުކުރުމަށް ވަކި ގޮތެއް ކަނޑައަޅާފައި ނުހުންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ޓެކްސީ ބޯޑު ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަކާ ގުޅިގެން ކާރުގައި ލޯވަޅު ނުތޮރުފައި ހަރުކުރެވިދާނެ ބޯޑު ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ބޯޑު ހަރުކުރުމަށް އެއް ފަރާތަކަށް މިހާރު ހުއްދަ ދީފައިވާ ކަމަށް ވެސް ޒުބައިރު ވިދާޅުވި އެވެ.
" އެއް ބޭފުޅަކު ހުށަހެޅި، މިންގަނޑަށް ފޭތޭ ގޮތަށް ހަދާފައި އިން ބޯޑެއް. އޮން އޮފް ދިއްލޭ ގޮތަށް. ދަތުރެއްގައި ކަމަށް ވަންޏާއި ރަތް ކުލައިގައި ހުސްކޮން ކަމަށްވާނަމަ ފެހި ކުލައިގައި އިންނަ ގޮތަށް. އޭގައި ތޮރުފުމުގެ މައްސަލަ ދިމައެއްނުވޭ. މެގުނެޓިކެޓް ޕޯޓްވެސް އެބައިން ނޫނީ އެހެން ގޮތަކަށްވެސް ހަރުކުރެވެން އެބަ އިން،" އޭނާ ވިދާޅުވި އެވެ.
ޒުބައިރު ވިދާޅުވީ އެ މިނިސްޓްރީން ދޭ މިންގަނޑަށް ފެތޭ ބޯޑު ގެނެސް ވިއްކުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެޒެޓް ކުރި ޓެކްސީ ކުރުމާ ބެހޭ ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާއިރު ޓެކްސީ ތަކުގައި ދިއްލޭ ބޯޑު ހަރުކުރަން ޖެހޭނެ ކަމަށް ބުނެފައިވާ މާއްދާއަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ.
ޓެކްސީ ދުއްވުމާ ބެހޭ އާ ގަވައިދުގައިވާ ގޮތުން، ދުއްވާ ޑްރައިވަރު މިހާގެ ލައިސަންސް ކާޑު ފެންނާނެ ގޮތަށް ޓެކްސީގައި ހަރުކޮށްފައި ހުންނަން ޖެހެ އެވެ. އަދި ޓެކްސީ ޑްރައިވަރުން މެޑިކަލް ޗެކް އަޕް ހަދަން ޖެހޭއިރު މި ގަވައިދުގެ ދަށުން ޓެކްސީ ދުއްވޭނީ، ވޭތުވެދިޔަ ތިން އަހަރުތެރޭގައި އެއްވެސް ޖިނާއީ ކުށެއް ކޮށްފައިނުވާ މީހަކަށެވެ.
އާ ގަވާއިދުގެ ދަށުން ހުރިހާ ޓެކްސީތަކެއް އަލުން ރަޖިސްޓްރީ ކުރަން ޖެހޭއިރު، މިއަދުގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވަނީ 620 ޓެކްސީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ މިއަދު ވަނީ ބުނެފަ އެވެ. އަދި މިއަދުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން 650 ޓެކްސީ ރަޖިސްޓްރީކުރާނެ ކަމަށް އެ މިނިސްޓްރީން އުއްމީދުކުރާ ކަމަށާއި މިއަދަށްފަހު ރަޖިސްޓްރީ ނުކޮށް ހިންގާ ޓެކްސީ ތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ޒުބައިރު ވިދާޅުވި އެވެ.
ޓެކްސީ ކުރުމާބެހޭ އާ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު މާދަމައިން ފެށިގެން މޯލްޑިވްސް ޕޮލިސް ސާވީސް އިން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް މި ގަވައިދު ތަންފީޒް ކުރުމާ ދެކޮޅަށް ބައެއް ޓެކްސީ ޑްރައިވަރުން ވަނީ މިއަދު މާލޭގެ މަގުތަކުގައި މުޒާހަރާކޮށްފަ އެވެ.