ޗައިނާގެ ޢަސްކަރީ ބާރާމެދު އެމެރިކާ ވަރަށްބޮޑަށް ޖެހިލުންވާ ކަމަށާއި ދުނިޔޭގެ ބޮޑު ބާރަކަށް ޗައިނާ ވަމުންދާތީ އެމެރިކާ ކަންބޮޑުވާމިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންގޓަން ޕޯސްޓް ގައި ޝާއިޢުކުރި ރިޕޯޓެއް ބުނެފިއެވެ. މިރިޕޯޓް ބުނާގޮތުން އިޤްތިސާދީ ބާރަކަށް ވުމުގެ އިތުރުން ދުނިޔޭގެ ޢަސްކަރީ ބޮޑު ބާރަކަށްވެސް ޗައިނާ ވަމުންދާތީ ޗައިނާއަކީ އެމެރިކާގެ މަސްލަޙަތަށް ހުރި ނުރައްކަލެއް ކަމަށް އެމެރިކާ ގެންދަނީ ބަލަމުންނެވެ.


 މި ރިޕޯޓް ބުނާގޮތުން ޗައިނާގެ ޢަސްކަރީ ސިނާޢަތުދަނީ ވަރަށް ބޮޑަށް ފުޅާކޮށް ޒަމާނީ ކުރަމުންނެވެ. އަދި އެމެރިކާއާއި ރަޝިޔާ ފިޔަވައި ދުނިޔޭގެ އެންމެ ބޮޑު ޢަސްކަރީ ބާރަކީވެސް ޗައިނާއެވެ. ނަމަވެސް ޢަސްކަރީ ދާއިރާގައި ޗައިނާގެ ބަލިފައިވެސް އެބަހުރިކަމަށާއި ޗައިނާގެ އެންމެ ބޮޑު އެއްބަލިފަޔަކީ އެމެރިކާއާއި ރަޝިޔާއިން އުފައްދާ ފެންވަރުގެ ޒަމާނީ ފައިޓަރ ޖެޓް މަތިންދާބޯޓުގެ އިންޖީނު ޗައިނާ އަށް ނުއުފެއްދުން ކަމަށް މިރިޕޯޓް ބުނެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ޢަސްކަރީ މަތިންދާބޯޓު ހޯދުމުގައި ޗައިނާ އަދިވެސް ބަރޯސާ ކުރަނީ ރަޝިޔާއަށެވެ. މިގޮތުން ކުރިޔަށްއޮތް އަށެއްކަ އަހަރަށް ޗައިނާގެ ވައިގެ ސިފައިންނަށް ބޭނުންވާ ހަނގުރާމަމަތީ މަތިންދާބޯޓު ރަޝިޔާއިން ގަތުމަށް ޗައިނާ ގެންދަނީ ތައްޔާރުވަމުންނެވެ. ޗައިނާގެ އަސްކަރީ މާރކެޓް ބޮޑުވެފައި ކުރިޔަށްއޮތް އަށެއްކަ އަހަރަށް ޗައިނާގެ ވައިގެ ސިފައިންނަށް ބޭނުންވާ ޢަސްކަރީ ޒަމާނީ މަތިންދާބޯޓުތަކުގެ ޢަދަދު ގިނަކަމުން މަތިންދާބޯޓު އުފައްދާ ރަޝިޔާގެ ކާރުޚާނާތަކަށް ޗައިނާގެ ފަރާތުން ވަނީ ބޮޑެތި އޯޑަރުތަކެއްލިބިފައެވެ. މި އޯޑަރުތަކުގެ ސަބަބުން ރަޝިޔާގެ މަތިންދާބޯޓު އުފެއްދުމުގެ އިންޑަސްޓްރީ އިތުރަށް ތަރައްޤީވެ އެއިންޑަސްޓްރީއަށް  ބޮޑަށް ކުރިއެރުމުގެ ލިބިގެންދާނެ ކަމަށާ މިއީވެސް އެމެރިކާ ކަންބޮޑުވާ ކަމެއްކަމަށް މިރިޕޯޓް ބުނެއެވެ.


 ތަޖްރިބާކާރުން ދެކޭގޮތުގައި އެމެރިކާއާއި ރަޝިޔާއިން އުފައްދާ ފެންވަރުގެ ޒަމާނީ ޢަސްކަރީ މަތިންދާބޯޓު ޗައިނާއަށް އުފެއްދޭނީ އަދި ދިހަވަރަކަށް އަހަރުފަހުންނެވެ. އަދި އެމެރިކާގެ ކަނޑުގެ ސިފައިން ގެންގުޅޭ މަތިންދާބޯޓު އުފުލާ މަނަވަރު ހަލާކުކޮށްލެވޭވަރުގެ ބާރުގަދަ މިސައިލް އުފެއްދުމުގެ ޤާބިލްކަންވެސް އަދި ޗައިނާގެ ކިބައަކުނެތެވެ. ނަމަވެސް މިޤާބިލްކަންވެސް ކުރިޔަށްއޮތް ހައެއްކަ އަހަރު ތެރޭގައި ޗައިނާ ހޯދާނެކަމަށް ތަޖްރިބާކާރުން ލަފާކުރައްވައެވެ. އަސްކަރީ ޤާބިލްކަމަށް ބަލާއިރު އޭޝިޔާގައިވާ އެމެރިކާގެ ޢަސްކަރީ ބޭސްތައް ސުންނާފަތި ކޮށްލުމުގެ ޤާބިލްކަން މިހާރުވެސް ޗައިނާގެ ކިބާގައި އެބަހުއްޓެވެ. އަދި ކުރިޔަށްއޮތް ފަންސަވީހަކަށް އަހަރުތެރޭގައި އެމެރިކާއާ އެއްވަރުގެ ޢަސްކަރީ ޤާބިލްކަމެއް ޢަސްކަރީ ބާރާއި ޢަސްކަރީ ސިނާޢަތުގައިވެސް ޗައިނާ ހޯދުމަކީ އެކަށީގެންވާ ކަމަށް މިރިޕޯޓް ބުނެއެވެ.


-----------------