ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ފުލުހުންގެ މަރުކަޒު ތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ޕާކިސްތާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހި ފުލުހުންނަށް ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހަދިޔާކޮށްފި އެވެ.

ހޯމް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމެއްގައި ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 47 ކޮމްޕިއުޓަރު ސިސްޓަމް ދިވެހި ފުލުހުންނާ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ސައީދު ޚާން އެވެ. ދިވެހި ފުލުހުންގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.

ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ސަފީރު ވިދާޅުވީ، އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ތަކެތީގެ ސަބަބުން ފުލުހުންނަށް އިތުރު ކުރިއެރުމާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ފުލުހުންނަށް އެ ގައުމުން އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ޕާކިސްތާން ސަރުކާރުން ވެދެއްވި އެހީގެ ސަބަބުން ދިވެހި ފުލުހުންގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.