15 Apr 2014, 14:21
އުފަންވި އިރު ހަތަރު އަތާއި ހަތަރު ފައި ހުރި ތުއްތު ކުއްޖެއްގެ އިތުރު ވެފައިވާ ގުނަވަންތައް ވަކި ކުރުމަށް ކާމިޔާބު އޮޕަރޭޝަނެއް ޗައިނާގެ ހޮސްޕިޓަލަކުން ކޮށްފި އެވެ.
އެންމެ 10 ދުވަސް ވީ އެ ތުއްތު ކުއްޖާގެ ހަށިގަނޑުގައި އިތުރުވެފައިވާދެ އަތާއި ދެފައި ވަކި ކުރުމަށް މިދިޔަ ހުކުރު ދުވަހު ޗައިނާގެ ގުއަންޒޯ ވިމަން އެންޑް ޗިލްޑްރަންސް މެޑިކަލް ސެންޓަރުގައި ކުރި އޮޕަރޭޝަނަށްފަހު ފަހު އެ ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ޑެއިލީ މެއިލްގައި ރިޕޯޓް ކޮށްފައިވެ އެވެ.
ގުއަންޒޯ ވިމަން އެންޑް ޗިލްޑްރަންސް މެޑިކަލް ސެންޓަރުގެ ޗީފް ސާޖަން ޔޫ ޖިއާކަންގް ބުނީ އެގޮތަށް ވެފައިވަނީ ޓްވިންސެއް ލިބެން އުޅެފައި، ދެވަނަ ކުއްޖާ ރަނގަޅަށް ހެދި ބޮޑު ނުވުމުގެ ސަބަބުން ކަމަށެވެ.
ތުއްތު ކުއްޖާގެ ބައްޕަ ޗެން ބުނީ، އުފަންވި އިރު އެ ތުއްތު ކުއްޖާގެ އިތުރު ގުނަވަންތަކެއް ހުރުމުން ގިނަ ހޮސްޕިޓަލްތަކަށް ގެންދިޔަ ކަމަށާއި، ނަމަވެސް އެއްވެސް ހޮސްޕިޓަލަކުން އެ ކުއްޖާގެ ހަށިގަނޑުގައި އިތުރު ގުނަވަންތަކެއް އުފެދިފައިވަނީ ކީއްވެގެން ކަން ބުނެދީފައި ނުވާކަމަށެވެ.
ޗެން ވަނީ އޭނާގެ އަނބިމީހާ ބަނޑުބޮޑު ދުވަސް ވަރު އޭނާއަށް ރަނގަޅަށް އަޅާނުލެވޭ ކަމަށްވެސް ބުނެފަ އެވެ.
"އަހަރެން ހަމައެކަނި ވިސްނީ މަސައްކަތަށް. އަންހެނުން ހޮސްޕިޓަލަށް ގެންގޮސް މެޑިކަލް ޗެކަޕް ހެދުމުގެ ބަދަލުގައި އަހަރެން އުޅުނީ ފައިސާ ހޯދަން،" ޗެން ބުނެފައިވެ އެވެ.