15 Apr 2014, 13:33
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖަޕާން-މޯލްޑިވްސް ޕާލަމެންޓޭރިއަންސް ފްރެންޑްޝިޕް ލީގުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، ޓޯކިޔޯގައި ހުންނަވާ ހޮޓެލުގައި، މިއަދު ހެނދުނު އޮތް މި ބައްދަލުކުރެވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖެ އާއި ޖަޕާނާ ދެ ގައުމުގެ ދޭތެރޭ އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ޕާލަމެންޓޭރިއަނުންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، އެކުވެރިކަން އިތުރަށް ބަދަހިވެގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެ އާއި ޖަޕާނާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެއްވެސް ބަދަލެއް ނައިސް އޮތުމުގެ މައިގަނޑު އެއް ސަބަބަކީ، ޖަޕާނު ސަރުކާރާއި ރައްޔިތުންގެ ހިތުގައި ރާއްޖެއަށް ޓަކައި އޮންނަ އިޙްތިރާމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ޕާލަމެންޓްރީ ލީގު މެދުވެރިކޮށް، ރާއްޖޭގެ ތަރައްގީގެ ދާއިރާގައި ކުރިއަށް އޮތްތާނގައި ގިނަގުނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ފަސް އަހަރަށް ރާއްޖޭގެ ރައްޔިތުން، އެމަނިކުފާނުގެ ޕާޓީއަށާއި ކޯލިޝަނަށް ވަރަށް ބޮޑު ތާއީދެއް ދެއްވާފައިވާ ކަމާއި އެއީ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަސޭހައެއްކަން ހާމަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން ޖަޕާން-މޯލްޑިވްސް ޕާލަމެންޓޭރިއަންސް ފްރެންޑްޝިޕް ލީގުގެ ބޭފުޅުންނަށް ދަޢުވަތު ދެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ފްރެންޑްޝިޕް ލީގުގެ ރައީސް މަސަހިކޯ ކޮއުމުރާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ޕާލަމެންޓޭރިއަނުންގެ މެދުގައި މިހާރު ވެސް ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި ކުރިއަށް އޮތްތާނގައި ވެސް މި ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.