15 Apr 2014, 12:49
މެލޭޝިއާ އެއާލައިންސް އެމްއެޗް370 ހައިޖެކްކުރުމަށް ފަހު، މިހާރު އަފްގާނިސްތާނުގައި ޖައްސާފައިވާ ކަމަށް ރަޝިޔާގެ ނޫހަކުން ބުނެފި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހޯދަމުންދާ އެމްއެޗް370 އަފްގާނިސްތާނުގައި ޖައްސާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރަޝިއާގެ "މޮސްކޮވްސްކީ ކޮމްސޮމޮލެޓްސް" ނޫހުގައި ޝާއިއުކޮށްފައި ވަނީ އެގައުމުގެ ޖާސޫސީ އިދާރާ ކަމަށްވާ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އާ ހަވާލާދީފަ އެވެ.
"މާޗް އަށް ވަނަ ދުވަހު 239 ފަސިންޖަރުންނާ އެކު ގެއްލުނު ފްލައިޓް އެމްއެޗް370 ވަނީ ހައިޖެކްކުރެވިފައި. އޭގެ ޕައިލެޓުންގެ އެއްވެސް ކުށެއް ނެތް، ފްލައިޓް ހެއިޖެކްކޮށްފައި ވަނީ ކޮންބައެއްކަން ނޭނގޭ ޓެރެރިސްޓުންތަކެއް. ފްލައިޓް މިހާރު އޮތީ އަފްގާނިސްތާނުގެ ކަންދަހާރާ މާދުރު ނޫން ހިސާބެއްގައި. ޕާކިސްތާނު ބޯޑަރާއި ކައިރީގައި،" ރަޝިޔާގެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައިވެ އެވެ.
ނަމަވެސް މި ހަބަރު ބައިނަލްއަގުވާމީ އެއްްވެސް ބޮޑު ނެޓްވޯކަކުން ކަވަރުކޮށްފައެއް ނުވެ އެވެ. އޭގެ ތެރޭގައި ބީބީސީ، ސީއެންއެން އަދި އަލްޖަޒީރާ ފަދަ ނެޓްވޯކްތަކުން ވެސް ކަވަރެއް ނުކުރެ އެވެ.
ރަޝިޔާގެ ނޫހާއި، ޑެއިލީ ސްޓާ އިން މައުލޫމާތުދޭ ގޮތުގައި ހުރިހާ ފަސިންޖަރުން ވެސް ދިރި ތިބި ކަމަށާއި ހަތް ގްރޫޕަކަށް ފަސިންޖަރުން ބެހިގެން ގޮސް އެމީހުން ދިރިއުޅެމުންދަނީ ވަރަށް ހާލުގައި ކަމަށެވެ. އޭގެ އިތުރުން ބައެއް ނޫސްތަކުން ބުނަމުންދަނީ، ފްލައިޓް މިހާރު އޮތީ ތާލިބާނުންގެ ސަރަހައްދެއްގައި ކަމަށެވެ.
މި ހަބަރު ފެތުރެމުންދާ އިރު، ފްލައިޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތައް ދަނީ އިންޑިއާ ކަނޑަށް ފްލައިޓް ވެއްޓުން ކަމަށް ބަލައި ޑްރޯންއެއްގެ އެހީގައި ކަނޑުއަޑި ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.