ރާއްޖޭގައި ކުކުޅުބިސް އުފައްދާ ކުންފުންޏެއް ގާއިމްކުރުމުގެ ޕްރޮޖެކްޓާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓްރީން ވޯކްޝޮޕެއް ބާއްވައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނަސަންދުރާ ޕެލަސް ހޮޓެލްގައި މިއަދު ކުރިޔަށް ގެންދާ ވޯކްޝޮޕްގައި އެ ޕްރޮޖެކްޓް ރާއްޖޭގައި ކުރިޔަށް ގެންދިޔުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި އެ ޕްރޮޖެކްޓްގެ ފުރިހަމަ ފައިދާ ރާއްޖެ އަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރާނެގޮތަކަށް ޕްރޮޖެކްޓް ހިންގުމާ ބެހޭގޮތުން ވެސް ވޯކްޝޮޕްގައި މަޝްވަރާ ކުރާނެ އެވެ.

އެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ޖުމްލަ ގޮތެއްގައި ބޭރުގެ އެކިއެކި ގައުމުތަކުން ދުވާލެއްގެ މައްޗަށް ރާއްޖެ އަށް 300،000 އަށް ވުރެ ގިނަ އަދަދަކަށް ކުކުޅުބިސް އެތެރެ ކުރާ ކަމަށެވެ. އަދި އެ ބިސްތަކުގެ އަގު ގާތްގަނޑަކަށް ހަ މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން މިފަދަ ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގިއްޖެ ނަމަ އެ ބިސްތަށް ބޭރުގެ ގައުމުތަކުން އެތެރެ ކުރުމުގެ ބަދަލުގައި ރާއްޖެ އިން ތާޒާކަމާ އެކު ލިބެން ހުންނާނެ ކަމަށާއި އެހެންވެއްޖެ ނަމަ އެކަމަށް ބޭރަށް ދާ ފައިސާ ރާއްޖޭގައި ހިފެހެއްޓޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ކުކުޅުބިސް އުފައްދާ ކުންފުންޏެއް ގާއިމްކުރުމާ ބެހޭ ޕްރޮޖެކްޓެއްގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އާއި ދެމެދު ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކޮށްފަ އެވެ.