ހޭންޑް ފޫޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކޮށްފި އެވެ.

އެ އެޖެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ އެބަލި މި ދުވަސްވަރު މާލެއާއި އަތޮޅު ތެރޭ ފެތުރެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ބައްޔަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު އަރިދަފުސް ބޮޑުކަމުދާ ނަޖިސް އަދި ހަމުގައި ނަގާފޮޅުން ނުކުންނަ ދިޔައިން އެއްކުއްޖެގެ ގައިން އަނެއް ކުއްޖެއްގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެއް ކަމަށް އެ އެޖެންސީން ބުނެ އެވެ. ބަލިޖެހުމުން އެންމެ ފުރަތަމަ ވެސް ފެންނަންފަށާނެ އަލާމާތްތަކަކީ ހުން އައުމާއި ކާހިތްނުވުމާއި ވަރުބަލިވުމާއި އަދި ގައިގައި ރިއްސާ ކަރުތެރެ ފާރުވުން ފަދަ އަލާމާތްތަކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އެބަލިޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމާއި ބަލިޖެހިފައިވާ ކުދިން އެހެން ކުދިންނާއި އެކަހެރިކޮށް ގެންގުޅެ، މީހުން ގިނައިން އެއްވާ ތަންތަނަށް ނުގެންދިއުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ. އަދި ބަލިޖެހިފައިވާ ކުދިން ގެންގުޅޭ އެއްޗެހި ސާފުތާހިރުކޮށް ދޮވެގެން ނޫނީ އެހެން ކުދިން ބޭނުން ނުކުރުމަށާއި އެއް ކުއްޖެއްގެ ގައިން އަނެއް ކުއްޖަކަށް އެބަލި ފެތުރޭނަމަ އެރަށެއްގައި ސުކޫލްތަކުގައި ވެލި ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ވެސް ވަނީ އެ އެޖެންސީން އިލްތިމާސްކޮށްފަ އެވެ.